ޕީޕީއެމްގެ ޖަގަހަ ހުޅުވުން ފަސްކޮށްފި

ޕީޕީއެމް އޮފީސް. ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އަލިމަސް ކާނިވަލުގައި މިރޭ ހުޅުވަން ތާވަލުކޮށްފައި އޮތް ޕީޕީއެމްގެ ޖަގަހަ ހުޅުވުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

މި ޖަގަހަ ހުޅުވުން ފަސްކޮށްފައި ވަނީ މާލެގައި މި ވަގުތު ފެތުރެމުންދާ ރޯގާއާއި ބަލިމަޑު ކަމުގެ ސަބަބުންނެވެ. ޖަގަހަ ހުޅުވަން ކުރިން ތާވަލުކޮށްފައިވާ ވަގުތަކީ މިރޭ 08:45 އެވެ. ނަމަވެސް ޖަލްސާ ކެންސަލްވުމާ ގުޅިގެން ޖަގަހަ ހުޅުވުމުގެ ޖަލްސާ ބާއްވާނެ ދުވަހާއި ވަގުތު ވީ އެންމެ އަހަވަކަށް އިއުލާނު ކުރާނޭ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕިއެމްގެ ޖަގަހަ ހުޅުވުން ފަސްކޮށްފައި ވާއިރު، މިނިވަން ދުވަހާ ގުޅިގެން މިރެއަށް އިންތިޒާމު ކޮށްފައިވާ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފައެވެ.

އެގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވަން ހަމަޖައްސާފައި އޮތް ކާނިވަލާއި އެ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ޑްރޯން ޝޯ އަދި ހަވާ އެރުވުން ވެސް ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

އިއްޔެއިން ފެށިގެން އާންމު ވެފައިވާ ރޯގާގެ އެންމެ ބޮޑު އެއް އަލާމާތަކީ ހޮޑު ލެވުމެވެ. އޭގެ އިތުރުން؛ ބޭރަށް ހިންގުންމުގެ އަލާމަތްތަކާ މާބޮޑަށް ވަރުބަލިވުން ފަދަ އަލާމާތްތައް ވެސް މި ބަލީގައި ފެނެއެވެ.

comment ކޮމެންޓް