މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ބާއްވަން ހަމަޖައްސާފައި އޮތް ހަވާ އެރުވުމާއި ޑްރޯން ޝޯ ވެސް ކެންސަލް ކޮށްލައިފިއެވެ.
މި ހަރަކާތްތައް ކެންސަލް ކުރީ އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި އާންމުވި ވައިރަލް ރޯގާގެ ސަބަބުންނެވެ.
ހަވާ އެރުވުމާއި ޑްރޯން ޝޯ ވެސް ކެންސަލް ކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިންނެވެ. ޑޮރޯން ޝޯއަކީ ހޯމް މިނިސްޓްރީއާއި ދިރާގު ގުޅިގެން ހަމަޖައްސާފައިވާ ހަރަކާތެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހުޅުވަން ނިންމާފައިވާ ކާނިވާ ވެސް ވަނީ ކެންސަލް ކޮށްފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑާއި ފުޅަނދު ބުރު ބާއްވާފައެވެ. މި ހަރަކާތްތައް ބަލަން އާންމުންގެ ގިނަ ބަޔަކު އެއްވިއެވެ. ނަމަވެސް، ރޯގާ ފެތުރެން ފެށުމުން އާންމުން އެއްވެ އުޅުން މަދުކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.
މާލޭގައި ފެތުރެމުންދާ ވައިރަލް ރޯގާގައި އިއްޔެއިން ފެށިގެން މިހާތަށްނަ 250 އެއްހާ މީހުން އައިޖީއެމްއެޗަށް ދައްކާފައި ވާކަމަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަޙްމަދު ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ.
ވައިރަލް ރޯގާގައި އެންމެ އާންމު އަލާމާތެއްގެ ގޮތުގައި ފާހަގަ ވަނީ ހޮޑުލެވުމެވެ.
މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވަނީ އަތް ދޮވުމަށް ޚާއްސަ އިސްކަމެއް ދީ، ހޮޑުލުން ހުއްޓުވުމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމަށް އެދިލައްވައިފައެވެ. އަދި މި ހާލަތުގައި ވީހާ ވެސް ގިނައިން، އަވަސް އަވަހަށް ދިޔާ އެއްޗެހި ބުއިމަށް އިސްކަން ދިނުމަށް އެދިލައްވައިފައެވެ.