ބޭރަށް ހިންގުމާއި ހޮޑުލުން އާންމު، ރައްކާތެރިވާނީ ކިހިނެއް؟

ބަލިވެފައިވާ ކުޑަކުދިންތަކެއް ހޮސްޕިޓަލުގައި ފަރުވާން ހޯދަން ގޮސްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވެ، ބަލި ޖެހިގެން ހޮސްޕިޓަލަށް ފަރުވާން ހޯދަން ދާ މީހުންގެ އަދަދު މި ވަނީ އިތުރުވެފައެވެ.

އެގޮތުން ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނަ، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް މިވަނީ އެމަޖެންސީ ހާލަތަށް ގޮސްފައެވެ. މާލޭގެ ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމްއެޗާއި، އޭޑީކޭ އަދި ސެނަހިޔާގެ އެމަޖެންސީގައި ވެސް ގިނައީ މިފަދަ އަލާމާތްތައް ފެނިގެން އައިސް ތިބި ކުދިންނެވެ.

https://sun.mv/180098

މިއީ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ. އަދި މިބަލިން ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި:

  • ގިނަގިނައިން ލޮނު ޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާ އެއްޗެހި ބޭނުންކުރުން
  • ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
  • ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ގޭގައި މަޑުކުރުން

ބޭރަށް ހިންގުމުގެ އިތުރަށް ތިރީގައިވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން މުހިންމު:

  • އާދަޔާ ޚިލާފަށް ކަރުހިއްކުން
  • ބޮލަށް އެނބުރުން އެރުން
  • މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭގޮތް ނުވުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • ގިނަގިނައިން ހޮޑުލެވުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުން
  • އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން

މިކަމާ ގުޅިގެން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ޙާއްސަ ޑރ. އަހުމަދު ފައިސަލް ވަނީ ކުޑަކުދިން މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ކަންތައް ކުރަންވީގޮތް ކިޔައިދެއްވާފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، ހޮޑުލެވުމާއި ބަނޑުދިޔާކޮށް ދިއުމުގެ އިތުރުން ކެއްސުމާއި ހުންއައުންފަދަ ބައެއް އަލާމާތްތަކަކީ އޭގެ ކުރީކޮޅު ހަށިގަނޑަށް ފައިދާހުރި ކަންތައްތަކަށް ވެދާނެ ކަމަށެވެ.

"ހޮޑުކޮޅެއް ލެވުނީމާ ބަނޑުގައިހުރި ނޭދެވޭ ބައިތައް ބޭރުވެސްވޭ
އެހެންވެ ހޮޑުބޭސް ބޭނުންކުރަން، ދެތިންފަހަރަކު ހޮޑުލެވެންދެން މަޑުކޮށްލުން ރަނގަޅު،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ދުވަސްވަރު ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމަކީ ވެސް ރައްކާތެރި ކަމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.

comment ކޮމެންޓް