ރޮނާލްޑޯ ވެސް ސައުދީއަށް ބަދަލުވީ ފައިސާއަށް، ފުޓުބޯޅައަށް އޮތް ލޯތްބަކުން ނޫން: އިގާލޯ

އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާއަށް ބަދަލުވީ ފައިސާއަށް ކަމަށާއި އެއީ ފުޓުބޯޅައަށް އޮތް ލޯބިން ކުރިކަމެއް ނޫން ކަމަށް ކުރިން ސައުދީގެ އަލް ހިލާލުގައި ދުވަސްތަކެއް ހޭދަކުރި ނައިޖީރިއާ ފޯވަޑް އޮޑިއޮން އިގާލޯ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ އިގާލޯ، މިދިޔަ ސީޒަން ނިމުމާއެކު އަލް ހިލާލުން ވަނީ އޭނާ ދޫކޮށްލައިފައެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް ފެނުނު އިގާލޯ ދެކޭގޮތުގައި އޭނާއެކޭ އެއްގޮތަށް އަލް ނަސްރަށް ރޮނާލްޑޯ އަދި އަލް އިއްތިހާދަށް ފްރާންސް ފޯވަޑް ބެންޒެމާ ވެސް ގުޅުނީ ފައިސާއަށެވެ.

"ޒުވާން އުމުރުގައި ކުޅޭނީ ފުޓުބޯޅައަށް އޮތް ލޯބިން. އޭރު ފައިސާއަކަށް ނުބަލާނެ. އެކަމަކު މިހާރު މިއީ އަހަރެންގެ ކެރިއަރުގެ ވެސް ފަހު އަހަރުތައް. އުމުރުގެ ބޮޑު ބައި ލޯތްބާއެކު ކުޅުނު ނަމަވެސް، މިހާރު ކުޅެނީ ފައިސާއަށް. ރޮނާލްޑޯއަށް ވަނީ އަހަރެންގެ ކެރިއަރުގައި ލިބުނު ފައިސާއަށްވުރެ 100 ގުނަ އިތުރަށް ލިބިފައި. އެކަމަކުވެސް އޭނާ އެ ހިޔާރުކުރީ ސައުދީ އަރަބިއާ. އެއީ ހަމަ ފައިސާއަށް،" އިގާލޯ ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި އަލް ހިލާލުން ފެނުނު ނައިޖީރިއާ ފޯވަޑް އޮޑިއޮން އިގާލޯ -- ފޮޓޯ/ ގެޓީ

މިދިޔަ ސީޒަނުގެ ތެރޭގައި އަލް ނަސްރާ ރޮނާލްޑޯ ގުޅިފައިވާ އިރު، ކުރިއަށްއޮތް ސީޒަނަށް ވެސް ފުޓުބޯޅަ ތަރިންތަކެއް ވަނީ ސައުދީގެ ކްލަބުތަކަކާ ގުޅިފައެވެ. އޭގެ ތެރޭގައި ބެންޒެމާ، އެންގޯލޯ ކަންޓޭ، ރުބެން ނެވޭސް، ރޮބާޓޯ ފިރްމީނޯ އަދި ޖޯޑަން ހެންޑަސަން ހިމެނެއެވެ.

އެ ކުޅުންތެރިންގެ އިތުރުން ވެސް ސައުދީގެ ކްލަބުތަކުން ދަނީ އިތުރު ތަރިންތަކެއް ވެސް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ، އަލް އިއްތިހާދާ ގުޅުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް