އިޒްރޭލުގެ ބަޔަކު ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރާއެކު އެތައް ސަތޭކަ ބަޔަކު އަލް އަޤްޞާ މިސްކިތަށް ވަދެގަނެ މުސްލިމް އުއްމަތުގެ އެންމެ މާތް އެއް ތަނަށް ގެއްލުންދިނުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަލް އަޤްޞާ މިސްކިތަކީ މުސްލިމުންނަށް ވަރަށް މުހިންމު މިސްކިތެއް ކަމަށާއި އެމިސްކިތް ހިމާޔަތްކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިޒްރޭލުން ހިންގާ މިފަދަ ހަރުކަށި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދީނީ ހައްގުތަކާއި މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ އިހުސާސްތަކަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށް އެ ބަޔާނުގައި ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ވަރަށް ބޮޑަށް ހީނަރުވެގެން ދާކަން ވަނީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ސުލްހަ މަސަލަސްކަން ނަގައިލުން މަނާކޮށް، އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުތަކާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފައެވެ. އަދި ދީނީ ތަންތަނަށް ހަމަލާ ދިނުން ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.