ލިވަޕޫލުން ލަވިއާއަށް ހުށަހެޅި އަގު ބޮޑުކުރަނީ

ސައުތުހެމްޓަންގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ -- ފޮޓޯ/ ގެޓީ

ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ ހޯދުމަށް ލިވަޕޫލުން ސައުތުހެމްޓަނަށް ހުށަހެޅި ބިޑު ބޮޑުކުރުމަށް ނިންމައިފިއެވެ.

ލިވަޕޫލުން ލިވިއާއަށް ކުރި ފުރަތަމަ ބިޑުގައި ހުށަހަޅާފައިވަނީ 37 މިލިއަން ޕައުންޑް (48 މިލިއަން ޑޮލަރު)ގެ އަގެކެވެ. ނަމަވެސް އެ އަގު ގަބޫލުނުކޮށް، ސައުތުހެމްޓަނުން ލަވިއާ ދޫކޮށްލަން ބޭނުންވަނީ 50 މިލިއަން ޕައުންޑް (64 މިލިއަން ޑޮލަރު)ގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ލިިވަޕޫލުގެ ބިޑުގައިވާ އަގު ބޮޑުކޮށް، ލަވިއާއަށް ޖުމުލަ 45 މިލިއަން ޕައުންޑުގެ އަގެއް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ލިވަޕޫލުން ދަނީ ކުރިއަށްއޮތް ސީޒަނަށް ލިވަޕޫލުގެ މިޑްފީލްޑް ވަރުގަދަކުރުމަށް ލަވިއާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކްލަބު ދޫކޮށް ސައުދީ އަރަބިއާގެ އަލް އެއްތިފާގާ ގުޅި، ފަބީނިއޯ ވެސް އެ ކްލަބު ދޫކޮށް ދިއުމާ ގާތަށް ގޮސްފައިވުމުން ލިވަޕޫލަށް މިޑްފީލްޑަރެއް ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ.

ކުރިއަށްއޮތް ސީޒަނަށް ލިވަޕޫލުން ވަނީ ދެ މިޑްފީލްޑަރެއްގެ ސޮއި ވެސް ހޯދައިފައެވެ. އެއީ މެކް އެލިސްޓާ އާއި ޑޮމިނިކް ސޮބޮސްލާއީއެވެ.

comment ކޮމެންޓް