ބާސާއަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ދީފި

ބާސެލޯނާގެ ބައެއް ކުޅުންތެރިން -- ފޮޓޯ/ ގެޓީ

ތުހުމަތުތަކެއް ކުރެވިފައިވާ ބާސެލޯނާއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ދީފިއެވެ.

ބާސާއަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ޔޫއެފާ އިން ދީފައި މިވަނީ ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއާއެކު ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށްބުނެ ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކުރަމުން ދަނިކޮށެވެ.

ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނީ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ބާސާއަށް ދިން ނަމަވެސް، އެ ތަހުގީގުތައް ކުރިއަށްދާނެ ކަމަށާއި ތަހުގީގަށްފަހު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށެވެ.

"ކުރިއަށްއޮތް ސީޒަނުގެ ޔޫއެފާ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ބާސާއަށް ދިނުމަށް ޔޫއެފާ އެޕީލްސް ކޮމިޓީން ވަނީ ނިންމާފައި،" ޔޫއެފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރެފްރީންނަށް ފައިސާ ދީ، ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބާސާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ދިޔައީ އެ މައްސަލަތައް ވީހާވެސް އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް