އެސްޓީއޯ ސްމާޓް ސްޓޯރުގެ ޚިދުމަތް ބޭނުން ކުރާނީ ކިހިނެތް؟

ތަރައްޤީއާ ތަމައްދުނުގެ މަގުގައި އެހެން ޤައުމުތަކާ އެއް ހަރުފަތެއްގައި ފައި ހަރު ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަަސައްކަތްތައް ވެސް މަދެއް ނޫނެވެ.

އެގޮތުން، ބަވަނަމުން މިދާ ދުނިޔެއަށް ލޯ ހުޅުވުމަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އީޖާދުތައް، ދިވެހީން މިހާރުވެސް އަންނަނީ ބޭނުން ކުރަމުންނެވެ. އެކިއެކި ޚިދުމަތްތައް ތަފާތު ގޮތްގޮތަށް ބޭނުން ކުރެއެވެ.

ރައްޔިތުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ފަހުގެ އިޖާދުތަކާ އެކު ތަފާތު ފަސޭހަތައް ވިޔަފާރިވެރިން ވެސް އަންނަނީ ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

އެގޮތުން، އެންމެފަހުން އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކުރި ސްމާޓް ސްޓޯރުގެ ޚިދުމަތް މިކަމުގެ ހެއްކަކަށް ފުދެއެވެ.

އެސްޓީއޯ ސްމާޓް ސްޓޯރުގެ ޚިދުމަތަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވުނު ޚިދުމަތަަކަށް ވީ ހިނދު މިއީ ރައްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހުޅުވި ފުރަތަމަ ފިހާރައެވެ. މި ފިހާރައިގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެނީ އެއްވެސް ކޭޝިއަރެއް އަދި ސޭލްސްމޭނެއްގެ އެހީތެރިކަމާ ނުލައެވެ.

އެސްޓީއޯ ސްމާޓް ސްޓޯރުގެ ޚިދުމަތް ބޭނުން ކުރާނީ ކިހިނެތް؟

މި ޚިދުމަތް ބޭނުން ކުރެވޭނީ އެސްޓީއޯ ސްމާޓް ސްޓޯރުގެ އެޕް ފޯނަށް ޑައުންލޯޑު ކޮށްގެންނެވެ. އެއަށްފަހު، އެމީހެއްގެ އަމިއްލަ އެކައުންޓެއް ރަޖިސްޓާ ކުރަން ޖެހޭނެއެވެ. ރަޖިސްޓާ ވުމުން މި އެޕުން ޖެނެރޭޓު ކުރާ ކިއުއާރު ކޯޑު އެ ފިހާރައިން ސްކޭން ކޮށްލުމުން ފިހާރައަށް ވަދެވޭނެއެވެ.

އެއަށްފަހު، އެ ކަސްޓަމަރަކު ބޭނުންވާ މުދަލެއް ފިހާރައިން ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެ ކަސްޓަމަރަކު ނަގާ މުދަލެއްގެ ތަފްސީލު ރިކޯޑް ކުރެވެމުން ދާނީ ވާޗުއަލް ކާޑެއްގައެވެ.

ކަސްޓަމަރަކު ނަގާ މުދާ ފިހާރައިން ނިކުތުމުގެ ކުރިން ބަހައްޓާނަމަ އެ މުދަލެއް ވާޗުއަލް ކާޑުން އުނި ކުރެވޭނެއެވެ. އެ ކަސްޓަމަރަކު ބޭނުންވާ މުދާ ނަގައިގެން ފިހާރައިން ނިކުތުމުން އެ މުދަލަކަށް ވާ ފައިސާ އެ ކަސްޓަމަރެއްގެ ކާޑުން ކެނޑޭނެއެވެ.

މިއީ ކިހިނެތް ވާ ކަމެއް؟

ކަސްޓަމަރަކު ފިހާރައަށް ވަންނަ ހިސާބުން ފެށިގެން އެ ކަސްޓަމަރެއްގެ ހަރަކާތްތައް މަތީގައި ހަރުކުރެވިފައިވާ ކެމެރާތަކަކުން ވަގުތުން ދާނީ ރިކޯޑު ކުރެވެމުންނެވެ. އަދި ހަރު ތަކުގައިވާ ސެންސަރު ތަކުން ހަރުން ނަގާ ކޮންމެ މުދަލެއް ރިކޯޑުކޮށް އެ ކަސްޓަމަރެއްގެ ވާޗުއަލް ކާޑަށް އިތުރުކުރެވެމުން ދާނެއެވެ. އެ ނަގާ އެއްޗަކީ ކިތަންމެ ލުއި އެއްޗެއް ކަމުގައި ވިޔަސް ސެންސަރު ތަކުން އެ މުދަލެއް ރިކޯޑު ކުރާނެއެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މި ފިހާރަ ވާނީ ރާއްޖޭގެ ވިޔަފާރިއަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ފިހާރައަކަށެެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ފަސޭހަ ކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ފިހާރަ ހުޅުއްވައިދެއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެެވެ. މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައެވެ.

މި ފިހާރައިން ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއްޗެއް ގަތުމަށްފަހު ކައުންޓަރުގައި ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވުމެވެ.

comment ކޮމެންޓް