އީއައިއޭގެ މަސައްކަތް ނިމޭތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބ. މާޅޮހު ބަނދަރު ހެދުމުގެ އަމަލީ މަަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އޯގަސްޓު މަހުގެ ތެރޭގައި ނިމޭނެކަމަށެވެ.
"އާންމު އުސޫލެއްގެ ގޮތުން އީއައިއޭގެ މަސައްކަތް ނިމޭތާ ދެ ހަފުތާއެއް ތެރޭ އަޅުގަނޑުމެން އަމަލީ މަަސައްކަތް ފަށަން. އެހެން ނަމަވެސް މި ޕްރޮޖެކްޓު މިތަން އޮތް ހާލަތު ފެނިފަ މާ އަވަސްކުރަން ޖެހޭ ކަންނޭނގެ މި މަސައްކަތް ކުރުމުގަ،" އާޒިމް ވިދާޅުވިއެވެ.
މާޅޮހުގެ ބަނދަރަކީ ބ. އަތޮޅުގައި މީހުން ދިރިއުޅެމުންދާ ރަށްތަކުގެ ތެރެއިން ބަނދަރުގެ ހާލަތު އެންމެ ދަށުގައި އޮތް ރަށްކަމަށް މާޅޮހުގެ ރައްޔިތުން ބުނެއެވެ. މާޅޮހު ބަނދަރުގެ އެއްގަމު ތޮއްޓާއި ބޭރު ތޮށިވެސް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ.
މީގެ ކުރިން "ސަން" އާ ވާހަކަ ދައްކަވަމުން މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ސުޖާއު ވިދާޅުވީ، ބަނދަރުގެ މައްސަލައަކީ މިހާރު އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، ރަށުގެ ބަނދަރު މަރާމާތުކުރުމަށް ވޭތުވެދިޔަ 12 އަހަރުތެރޭގައި އެތައް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ސުޖާއު ވިދާޅުވީ ބަނދަރު ހަލާކުވުމުގެ ސަބަބުން އަންނަ އުޅަނދުފަހަރުން މީހުން ފޭބުމާއި މުދާ ބޭލުމަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.
މާޅޮހު ބަނދަރުގެ ހާލަތު ފެނި އާޒިމް ވިދާޅުވީ ތޮށިގަނޑު އޮތްގޮތުން ކޮންމެފަދަ އަނިޔާއެއްވެސް ކޮންމެފަދަ ވަގުތެއްގައިވެސް މީހަކަށް ވެދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭ ނިންމަން އަޅުގަނޑުމެން ޓާގެޓް ކުރާނަން،" އާޒިމް ވިދާޅުވިއެވެ.
މާޅޮހު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއާ އެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.
'އޯގަސްޓު މަސް ތެރޭ ބަނދަރުގެ މަސައްކަތް ފެށި 18 މަސްދުވަސްތެރޭ އެ މަސައްކަތް ނިންމާ އޭގެ އިތުރަށް އަށް މަސް ދުވަސް ތެރޭ މުޅި ރަށް އެއްކޮށް ނިންމާލަން އަޅުގަނޑުމެން ޓާގެޓްކޮށްގެން މިދަނީ،" އާޒިމް ވިދާޅުވިއެވެ.
މާޅޮހު ބަނދަރަކީ 1999 ވަނަ އަހަރު އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު ހަދާފައިވާ ބަނދަރެކެވެ. ބަނދަރު ހަލާކުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ. އެއަށްފަހު މާޅޮހުގެ ރައްޔިތުން އަންނަނީ އަހަރަކު އެއްފަހަރު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާޅޮހުގެ ރައްޔިތުން ވޭތުވެދިޔަ އަހަރުތަކުގައި ނިކުމެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނުކުރިނަމަ، މިއަދު އެ ފެންނަ ވަރަށްވެސް ބަނދަރު ނޯންނާނޭކަމަށް މާޅޮހު ކައުންސިލުން ބުނެއެވެ.
ބ. މާޅޮހުގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ މާޗުމަހުގެ އެއްވަނަ ދުވަހުއެވެ. މި ދެ މަޝްރޫއުގެ ޖުމުލަ އަގަކީ 75 މިލިއަން ރުފިޔާއެވެ.