ރާއްޖޭގައި އޮތީ މިނިވަން ދައުލަތެއް ނަމަވެސް އަދުގެ ހާލަތާ މެދު ވިސްނާލަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ޚާއްސަ ހަފްލާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 58 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު މުޅި ރާއްޖެއިން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ޝުއޫރުތައް ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހި ދައުލަތަކީ މިނިވަން ދައުލަތެކެވެ. އެހެންނަމަވެސް މިނިވަންކަމުގެ ބަތަލުންގެ ފަހަށް އައި ވެރިންނަށް މިނިވަންކަމުގެ އިސްތިގުލާލު ފުރިހަމަ ގޮތުގައި ދެމެހެއްޓިފައިވޭތޯ މިއަދު ދިވެހި ރައްޔިތުން ދަނީ އެކި ރޮނގު ރޮނގުން ސުވާލު ކުރަމުން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ 58 އަހަރު ފަހުން ދިވެހީން މިތިބީ ކޮން ހާލެއްގަތޯ ސުވާލު އުފައްދާފައެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި ތަފާތު ގޮތްގޮތަށް." ގާސިމް ވިދާޅުވިއެވެ.

"ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ޚާއްސަ ހަފްލާ-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ގާސިމް ވަނީ ދިވެހީންނަށް މިނިވަންކަން ހޯއްދަވާދެއްވި އޭރު ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަގާމުގައި ހުންނެވި ސުމުއްވުލްއަމީރު އިބްރާހީމް ނާސިރަށް ޝުކުރު އަދާކުރައްވައިފައެވެ. ރައީސް ނާސިރުގެ ވެރިކަމުގެ ދުވަސްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ ދެކެފައިނުވާ އެތައްކަމެއް ބަދަލުކޮށްދެއްވި ކަމަށެވެ.
އެގޮތުން ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަދަލުގެނެސްދެއްވާ، ގައުމު ބައިބައިވުމުން ސަލާމަތްކުރައްވާ، އިގްތިސާދު ހަރުދަނަކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވެލާނާ އެއާޕޯޓްގެ މޭސްތިރިޔާކަމަށާއި ނާސިރަކީ ގައުމު މިދެކޭ ޒަމާނީ ތަރައްގީގެ ބިންގާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ.
"ދިވެހިންގެ ފަހުރުވެރި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން" ގާސިމް ވިދާޅުވިއެވެ.