މިނިވަންކަމަކީ ކިހާ މުހިންމު އިހުސާސެއްކަން ކުޑަކުދިންނާއި ޒުވާނުންނަށް އެނގެންޖެހޭ: ޑރ. ވަހީދު

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކޮށްލެއްވުމުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ވާހަކަދައްކަވަނީ--

މިނިވަންކަމަކީ ކިހާ މުހިންމު އިހުސާސެއްކަން މިއަދު ބޮޑެތިވަމުން އަންނަ ކުޑަކުދިންނާއި އަދުގެ ޒުވާނުންނަށް އެނގެންޖެހޭނެ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ މިނިވަންކަމަކީ ވަރަށް ބޮޑު ނިއުމަތެއްކަމަށާއި އެކަން އިހުސާސް ކުރެވޭނީ އެކަން ނެތް ދުވަހަކުން ކަމަށެވެ. އެހެންކަމުން މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެންމެން ވެސް ކުރަން ޖެހޭކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

"ޚާއްޞަކޮށް ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް، ޒުވާނުންނަށް އެބަ އިހުސާސްކުރެވެންޖެހޭ މިކަމުގަ ހުރި މުހިންމުކަން. އެއީ އަޅުގަނޑުމެންނަށް ހުރި ނަސީބުތަކެއްކަން. މިނިވަންކަމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެއްޔާ އެއީ ގެއްލިގެންދާނެ އެއްޗެއް. އެހެންވީމަ އެކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވެވަޑައިގެން ރައްކާތެރިވެ ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް." ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރަށް ބަލާއިރު ރާއްޖެ ދަނީ ވަރަށް ބާރު ސްޕީޑެއްގައި ބޭރުގެ ގައުމުތަކާއެކު ގުޅުން ބާއްވަމުން ކަމަށާއި އެހެންކަމުން ދިވެހިން ހިފަހައްޓަންޖެހޭ ވަކި ކަންތައްތަކެއް ހުންނާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކޮށްލެއްވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ--

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިނިވަން ދުވަހެއް ފާހަގަކުރަމުން އަންނައިރު ހަނދާންކުރާންޖެހޭ އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ތާރީޚުގައި ވެސް އެއްވެސް ބަޔަކަށް ރާއްޖޭގެ މިނިވަންކަން ގެއްލުވާލާ ރާއްޖެ އަޅުވެތިކުރެވިފައި ނެތްކަން ކަމަށެވެ.

"1887 ވަނަ އަހަރު ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮވެ 1965 ވަނަ އަހަރު ރާއްޖެ މިނިވަންވެގެން އައީ. މިނިވަން ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން އުފެދިގެން އައިތާ ދެމަސް ދުވަސް ތެރޭ އދ.ގެ މަޖިލީހަށް އަޅުގަނޑުމެންގެ އެޕްލިކޭޝަން ގޮއްސި. 21 ސެޕްޓެމްބަރުގެ އަޅުގަނޑުމެންނަށް އދ.ގެ މެންބަރަކަށް ވެވުނު. އޭގެ ނަތީޖާއަކީ މުޅި ދުނިޔެ އަޅުގަނޑުމެންގެ މިވަންކަން ބަލައިގަތުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ ހުރިހާ ގައުމަކާއެކުވެސް ދުވަހަކު ނުވާ ވަރަށް ރައީސް ޞާލިޙުގެ ސަރުކާރުގައި ޚާރިޖީ ގުޅުން ބަދަހިވެފައިވާ ކަމަށެވެ. އެގޮތުން ދިވެހިންނަށް ވިސާއާ ނުލާ 95 ގައުމަށް މިހާރު ދެވޭ ކަމަށާއި މި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓު އޮތީވެސް ދިވެހިންގެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިޙުތިރާމާއި ގަދަރު ހޯދާފައިވާ ގައުމެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވަނީ އިންޑިއާގެ ލީޑަޝިޕާއި އިންޑިއާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

ގައުމެއްގެ މިނިވަން ދުވަހެއް ފާހަގަކުރުމަކީ ވަރަށް ތާރީޚީ ކަމެއްކަން ފާހަގަކުރައްވާ ހައި ކޮމިޝަނަރު ވަނީ މިނިވަންކަން ދެމެހެއްޓުމަށް އިންޑިއާއާއި ރާއްޖެއިން ވެސް މުހިންމު އިސްކަމެއްދޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރާއްޖެއާއި އިންޑިއާގެ ބައިނަލްއަޤްވާމި ގުޅުން ފާހަގަކުރައްވާ އިންޑިއާ އާއި ރާއްޖެއަކީ ވަރަށް ގުޅިގެން ގިނަ ކަންކަމުގައި އެއްކޮށް މަސައްކަތްކުރާ ދެ ގައުމުކަމަށް ވިދާޅުވެފައެވެ.

"ރާއްޖެއާއި އިންޑިއާގެ ބައިނަލްއަޤްވާމީ ގުޅުމަކީ ވަރަށް ގިނަ ދުވަސްވީ ގުޅުމެއް، ނަމަވެސް މިފަހުން އެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވޭ. އެކި އެކި މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިޔަ. ޚާއްސަކޮށް ކޮވިޑްގެ ދުވަސްވަރު. ހުރިހާ ސެކްޓާތަކަކުން ވެސް އެ ގުޅުން ވަނީ އިތުރުވެފަ،" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެހާ ރައްޔިތުން މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާއިރު މިއީ ކޮންމެ ދިވެއްސަކުވެސް އެންމެ ފަޚުރުވެރިވާންވީ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް