އަމްރަބާތު، ޔުނައިޓެޑާ ގުޅުމާ ގާތަށް

ފިއޮރެންޓީނާގެ މޮރޮކޯ މިޑްފީލްޑަރު ސޮފްޔާން އަމްރަބާތު -- ފޮޓޯ/ ގެޓީ

ފިއޮރެންޓީނާގެ މޮރޮކޯ މިޑްފީލްޑަރު ސޮފްޔާން އަމްރަބާތުގެ ސޮއި ހޯދުމާ ގާތަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މޮރޮކޯ ނޫސްވެރިޔާ އިޒެމް އަނަސް ރިޕޯޓުކޮށްފައިވާ ގޮތުގައި އަމްރަބާތު، ޔުނައިޓެޑާ ގުޅުމާ "ފިޔަވަޅެއް" ގާތަށް ވަނީ ޖެހިލައިފައެވެ. އަމްރަބާތު ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށާފައިވާތާ މިހާރު ދުވަސްތަކެއް ވެފައިވާ އިރު، އޭނާ ވެސް އެ ކްލަބާ ގުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަމްރަބާތުގެ އަގެއް ނޫސްވެރިޔާ އަނަސް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާގެ އަގު 35 މިލިއަން ޔޫރޯ (39 މިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ބެލެވެއެވެ. ޔުނައިޓެޑާ ގުޅުމާ ގާތަށް އަމްރަބާތު ޖެހިލާފައިވާ އިރު، ކުރިއަށްއޮތް ސީޒަނަށް އެ ކްލަބުން ވަނީ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓާއި ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާގެ ސޮއި ވެސް ހޯދައިފައެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯ ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކުރި އަމްރަބާތު ވަނީ ފިއޮރެންޓީނާއަށް 107 މެޗު ކުޅެފައެވެ. މީގެ ތިން އަހަރު ކުރިން ފިއޮރެންޓީނާއާ ގުޅުނު އަމްރަބާތު، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ ކުރިއަށްއޮތް ސީޒަން ނިމުމުންނެވެ.

ޔުނައިޓެޑުން މިވަގުތު އަންނަނީ ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން މިހާރު ތަމްރީތައް ކުރިއަށްގެންދަނީ އެމެރިކާގައެވެ.

comment ކޮމެންޓް