ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން ޓީޗަރުންނަށް މަނާކޮށްފި

ސްކޫލެއްގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ: ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން ޓީޗަރުންނަށް މަނާކުރާ އުސޫލެއް ވަނީ އެކުލަވާފަ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން ޓީޗަރުންނަށް މަނާކޮށް, މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.

ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމުގެ ގޮތުން, ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް ކޮށްގެން އެއްވެސް މުދައްރިސަކު ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީއިން ކަންކަން ކުރަން ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަމާ ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

މި ސުލޫކީ މިންގަނޑުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މުުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަޚުލާޤާއި އާދަތައް ހަރުދަނާކުރުމުގެ އިތުރުން ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި މީހަކަށް ހެދުމެވެ. އަދި އިޚުލާޞްތެރި ކަމާއި ޒިންމާދާރު ކަމާއެކު މަަސައްކަތްކޮށް އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުން ކަމުގައި ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމައުގައި ތައުލީމީ ދާއިރާއަށް އޮންނަ ޤަދަރާއި އިޙްތިރާމް އިތުރުކޮށް ދެމެހެއްޓުންވެސް ހިމެނެއެވެ. އަދި މުދައްރިސުންގެ ފަންނީ އަޚުލާޤާއި އިޖުތިމާއީ ސުލޫކު ހަރުދަނާ ކުރުމަކީ ވެސް މި އުސޫލުގެ މަގުސަދެކެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައި އޮންނަނީ ހަތް އަސާސެއްގެ މައްޗަށެވެ. އެއީ ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރުގެ މައްޗަށާއި ދަރިވަރުންގެ ފަރުދީ ތަފާތުތަކުގެ މައްޗަށާއި ފަންނީ އަދި ރަސްމީ ގުޅުންތަކާއި ފަންނީ އަޚުލާޤާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއި ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަމުގެ މައްޗަށެވެ.

މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ޙައްޤުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ދަރިވަރުންނާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި ޤަވައިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެ ކަންކަން ތަންފީޒުކުރުމަކީ މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

comment ކޮމެންޓް