ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކުރަނީ

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް--

ވަރިވާން އެދި ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނައާ ގުޅޭގޮތުން ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާ ވަނީ މިހާރު އެ މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.

އެހެންނަމަވެސް އޭނާގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވި ކޮމިޝަންގެ 48 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެ މައްސަލާގައި އަލީ އާދަމް ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ސަސްޕެންޑުކުރީ އެ މައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ. އެގޮތުން މިއަދު ވަނީ އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައެވެ.

އޭނާ ސަސްޕެންޑުކުރީ އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެނެވެ.

މިކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކުރިއެވެ.

comment ކޮމެންޓް