ކުރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަނެފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކުރިއަ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ފާސްކުރެވުނު ޕެކޭޖުގެ ތެރޭގައި އޮތް ދެ ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން"އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 2.020 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އަންނަން ފަށާފައެެވެ. އެގޮތުން ރާއްޖެއަށް މި ފަހަކަށް އައިސް ޕާޓީ ޑްރަގްސް، އެންމެ ގިނައިން އެތެރެ ކުރަނީ ޕޯސްޓް މެދުވެރިކޮށް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުގައިވެއެވެ.