ލ. ހިތަދުއާއި ކުނަހަންދޫ ގުޅުވައިލުމަށް އަޅަން ނިންމާފައިވާ ކޯޒްވޭ އާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުން ފޮނުވި ޓީމު ހިތަދުއިން ބާލައިފިއެވެ.
އެ ދެ ރަށުގައި ކޯޒްވޭއެއް ގާއިމްކޮށް ދެ ރަށް ގުޅައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ.
މިކަމާ ގުޅިގެން "ސަން"އަށްއާ ވާހަކަދައްކަވަމުން ހިތަދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން އިންސާދު ވިދާޅުވީ ކޯޒްވޭގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާތީ ގިނަ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށެވެ.
ރައީސް ޞާލިޙްގެ ދައުރު ނިމެން ކައިރިވެފައިވާއިރު، އެ މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާތީ އެ ދެ ރަށުގެ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
"އެއްފަހަރު މިހާރު ސާވޭކޮށް ކުރެހުން ނިންމާފަ ވަނީ. އަނެއްކާ އައިސް ސާވޭ ކުރަން މަޝްވަރާ ބައްދަލުވުންތަކަކަށް ދާންވީމަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވެ ރައްޔިތުންނާއި ޒުވާނުން ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ މިވަނީ،" އިންސާދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ހިތަދޫގައި އޮތް ބައްދަލުވުން ކުރިއަށް ނުގެންދެވޭ ވަރަށް ބައެއް މީހުން ވަނީ އަޑުގަދަކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މަޝްވަރާ ބައްދަލުވުމަށް އައި ޓީމު އެންމެފަހުން ވަނީ އެ މާލަން ދޫކޮށް ގޮސްފައެވެ.
ހިތަދޫން ސާވޭ ޓީމު ބޭރުކޮށްލިޔަސް ކުނަހަންދޫ ރައްޔިތުން ވަނީ އެ ޓީމާ ބައްދަލުކޮށްފައެވެ. ކޯޒްވޭގެ މަސައްކަތް ލަސްވާތީ އެރަށު ރައްޔިތުން ވަނީ ކަންބޮޑުވުންތައް އެ ޓީމާ ހިއްސާކޮށްފައެވެ.
ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަަރުގެ ޖެނުއަރީ މަހުއެވެ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭގެ މަޝްރޫއަކީ ޖުމުލަ 8.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 500 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.