ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުޅަނދު ބުރާއި ކާނިވާދަފަ ކަރަކާތްތަކާ އެކު މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.
އަންނަ ބުދަ ދުވަހު ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު ކޮވިޑާ ހެދި ވޭތުވެދިޔަ ދެ އަހަރު ވެސް މާލޭގައި މިނިވަން ދުވަސް ފާހަގަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ފުޅަނދު ބުރާއި ހެވިކަމުގެ ކުޅިވަރުތަކާއި ޝޯތައް ވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބާއްވައެވެ.
މި އަހަރު މިފަދަ ގިނަ ހަރަކާތްތަކަކާ އެކު މި ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާފައި ވާއިރު، ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހަރަކާތްތައް ކުރިއަށް ދާނެއެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް އޮންނަ ދުވަސްތަކާއި ގަޑިތައް:
- ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު: ބުދަ ދުވަހުގެ ރޭ 08:30ގައި ގަލޮޅު ދަނޑުގައި
- މިނިވަން އުފާ ކާނިވާ: ހުކުރު ދުވަހުން ދުވަހުން އޮގަސްޓް ތިންވަނަ ދުވަހަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި.
- ފުޅަނދު ބުރުގެ ފަރަކާތްތައް: ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި
- ޕެރަމޮޓޯގެ ހަރަކާތްތައް: ހުކުރާއި ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި
މި ހަރަކާތްތައް ހިންގަނީ ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެނެވެ.
މިނިވަން ދުވަހުގެ އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލު ކުރައްވާނެއެވެ. މި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހުން ގިނަ ބަޔަކަށް ދައުވަތު ދެއެވެ.
އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި، ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށާއި، ޔުނިވަސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ މިލިޓަރީ ޕެރޭޑެއް ބާއްވާފައެވެ. އެ ޕެރޭޑު ބަލާލުމަށް ގިނަ ބަޔަކު އެއްވެ މާލޭގެ މަގުތައް ފުރާލިއެވެ. އެހެންކަމުން މި އަހަރު ވެސް މި ހަރަކާތްތަކަށް ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.