މަނާ ބޭސް ގެންގުޅެ, އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރާއި 38 އަހަރާއި 31 އަހަރާއި 41 އަހަރު އަދި 29 އަހަރުގެ ފިރިހެނުންނެވެ. އެ އެންމެންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.
މަނާ ބޭސް ގެންގުޅެ ވިޔަފާރި ކުރުމުގެ އިތުރުން އެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ، މަސްތުވާ ތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރުމާއި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރުމެވެ.
ކޯޓު އަމުރުގައި ވާގޮތުން އެމީހުން ދިރިއުޅުނު ތަނުން މަނާ ބޭހާއި ބަނގުރާ ފެނިފައި ވެއެވެ. އަދި ކޯޓުގައި އެއިން އެއްވެސް މީހަކު އެކަމަށް އިންކާރު ކޮށްފައެއް ވެސް ނުވެއެވެ.
އެ މީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެކެވެ. އަދި އެމީހުންނާ ހަވާލު ވާނެ މީހަކު ނެތުމުން ފިލާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެއެވެ. އެކަމުގެ މައްޗަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.