ކީރިތި ގުރުއާނަށް އިހާނާތްކުރާ މައްސަލާގައި އިސްލާމީ ގައުުމުތަކުން ސްވިޑްންގެ ސަފީރުން ހާޒިރުކުރަނީ

އިރާގުގައި ހުރި ސްވިޑްންގެ އެންބަސީ އަންދާލަނީ

ސްޓޮކްހޯމް (22 ޖުލައި 2023): އުތުރު ޔޫރަޕް ގެ ގައުމެއްކަމަށްވާ ސްވިޑަންގައި ތަކުރާރުކޮށް ކީރިތި ގުރުއާނުގެ ކޮޕީތައް އަންދައި އިސްލާމް ދީނަށް އިހާނާތްކޮށް މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލާގައި އިސްލާމީ އެތަށް ގައުމަކުން އެގައުމުތަކުގައި ތިއްބަވާ ސްވިޑްން ސަފީރުން އެގައުމުތަކުގެ ޚާރިޖީ ވުޒާރާތަކަށް ހާޒިރުކޮށްފިއެވެ.

ސްވިޑްންގެ ސަފީރުން ހާޒިރުކުރި އިސްލާމީ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއާ ހިމެނޭގޮތަށް ގަލްފުގެ ގައުމުތަކާއި އީރާނާއި އުރުދުން، އިންޑޮނީޝިއާ، ޕާކިސްތާން، ތުރުކީ އަދި އަލްޖަޒާއިރު ފަދަ ގައުމުތައް ހިމެނެއެވެ.

ސްވިޑްންގެ ސަފީރުން ހާޒިރުކޮށް އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން އެބޭފުޅުންނާ ސުވާލުކޮށްފައިވަނީ ކީރިތި ގުރުއާނުގެ ކޮޕީތައް އަންދައި އިސްލާމް ދީނަށް އިހާނާތްކޮށް މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ ހަރުކަށި އަމަލުތައް ހިންގުމަށް ސްވިޑްންގެ ސަރުކާރުން ހުއްދަދީ އެކަމަށް މަގިފަހިކޮށްދޭ ސަބަބުތަކާ ބެހޭގޮތުންނެވެ.

ދުނިޔޭގެ އާބާދީގައި ހިމެނޭ ދޮޅު ބިލިޔަނެއްހާ މުސްލިމުން ގެ ދީނީ ހައްގުތަކަށް އަރައިގަނެ ދޮޅު ބިލިޔަނެއްހާ މުސްލިމުން ރުޅިއަރުވާލުމުގައި ސްވިޑްންގެ ބޭނުމަކީ ކޮބައިކަމާމެދުގައެވެ.

ކީރިތީ ގުރުއާނުގެ ކޮޕީތައް އެންދުމުގެ ޖަރީމާތަކުގެ ދިފާއުގައި ސްވިޑްންގެ ސަރުކާރުން އަބަދުވެސް ތެދުވެއެވެ. މިޖަރީމާތައް ދިފާއުކުރަމުން ސްވިޑްންގެ ސަރުކާރުން ބުނަނީ އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާ އެމިނިވަންކަން މަނާނުކުރެވޭނެ ވާހަކައެވެ.

ނަމަވެސް ޚިޔާލު ފާޅުކުރުމުގެ ނަމުގައި ސްވިޑްންގައިވެސް ފާޅުނުކުރެވޭނެ އެތަށް ޚިޔާލެއް އޮވެއެވެ. ތާއީދު ނުކުރެވޭނެ އެތަށްކަމެއް އޮވެއެވެ. ފާޑުނުކިޔޭނެ އެތަށް ކަމެއް އޮވެއެވެ. މީގެތެރޭގައި ޖަރުމަނުގެ ކުރީގެ ނާޒީ ޒައީމް އެޑޮލްފް ހިޓްލަރަށް ތާއީދުކޮށް ވާހަކަ ދެއްކުމާއި ހިޓްލަރުގެ ފޮތް ގެންގުޅުމާއި ޔަހޫދީން މެރުމަށްޓަކައި އެމީހުންނާ ދެކޮޅަށް ހިޓްލަރު ހިންގިކަމަށް ބުނެވޭ ހޮލޮކޯސްޓް އަށް އިންކާރުކުރުންފަދަ ކަންކަން ހިމެނެއެވެ.

ހޮލޮކޯސްޓް އަކީ ނުހިނގާ ކަމެއްކަމަށް ބުނުމަކީ ނުވަތަ އެކަމަށް ދުލުން އިންކާރުކޮށްލުމަކީވެސް ސްވިޑްންގައިވެސް އަދި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ހަ އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އަންނަ ކަމެކެވެ.

މީގެއިތުރުން ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެއްޓެވި ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންއަށް ފާޅުގައި ތާއީދުކުރުމަކީވެސް ޔޫރަޕްގެ އެތަށް ގައުމެއްގައި މަނާ ކަމެކެވެ. މިފަދަ އެތަށް ކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ސްވިޑްން އާއި ސްވިޑްން ސްޓައިލްގެ ޔޫރަޕްގެ ގައުމުތަކުން ކަނޑައަޅާފައިވެއެވެ.

ނަމަވެސް މިއުންމަތުގެ ރަސޫލާ މުޙައްމަދު (ސޢވ) އަށް ޖޯކުޖަހައި މަލާމާތް ކުރުމާއި ކީރިތި ގުރުއާނުގެ ކޮޕީތައް އެންދުންފަދަ މުސްލިމުންގެ ޝުއޫރުތައް ހިލިގަންނަ ކަންކަމަކީ އަދި މުސްލިމުންނަށް އިހާނާތް ކުރުމަކީ ސްވިޑްން އާއި ސްވިޑްން ސްޓައިލްގެ ޔޫރަޕްގެ ގައުމުތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެންމެ ގިނައިން ކުރެވޭނެ ކަންކަމުގެ ގޮތުގައި އެގައުމުތަކުން ދެކެއެވެ.

ސްވިޑްންގައި ތަކުރާރުކޮށް ކީރިތި ގުރުއާނުގެ ކޮޕީތައް އަންދަން ފެށުމުން މީގެ ދެދުވަހެއް ކުރިން އިރާގުގެ ރައްޔިތުންވަނީ އިރާގުގައި ހުންނަ ސްވިޑްންގެ އެންބަސީގައި އަލިފާންޖަހައި އެންބަސީގެ އިމާރާތް މުޅިން އަންދާލާފައެވެ. އަދި އިރާގުގެ ސަރުކާރުންވަނީ އިރާގުގައި ހުންނަވާ ސްވިޑްންގެ ސަފީރާއި އެނޫން ޑިޕްލޮމޭޓުން އެގައުމުން ބޭރުކޮށްލާފައެވެ.

ކީރިތި ގުރުއާނުގެ ކޮޕީތައް އެންދުމާއި މިއުންމަތުގެ ރަސޫލާ މުޙައްމަދު (ސޢވ) އަށް ޖޯކުޖަހައި މަލާމާތް ކުރުންފަދަ މުސްލިމުންގެ މުގައްދަސް ކަންކަމަށް އިހަނާތް ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ނިންމައި އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ދާދުފަހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.

މިގަރާރާ ދެކޮޅަށް ވޯޓުދިން ގިނަ ގައުމުތަކަކީ އިނގިރޭސިވިލާތާއި ޑެންމާކައި ސްވިޑްން ފަދަ ޔޫރަޕްގެ ގައުމުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް