މިއަދު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް

ހުޅުލޭ ފަޅުތެރެ-- ސަން ފައިލް ފޮޓޯ: އަހްމަދު މުޖްތަބާ

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ހެނދުނު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށެވެ. އެގޮތުން ހެނދުނު 08:00 އިން ފެށިގެން 11:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ރަށަކަށް ރެކޯޑް ކުރެވިފައި ވަނީ ހުޅުލެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން ހުޅުލެއަށް 71 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

ރޭ ދަންވަރުންސުރެއް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ހަތަރު އަވަށުގެ ގިނަ މަގުތައް ވެސް ވަނީ ފެނު އަޑީގައެވެ. ހިނގާ ބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށް ދަތިވާ ވަރަށް ވަނީ ފެން ހެދިފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ވަނީ ހެނދުނު ފަށައިފައެވެ. އެހެންނަމަވެސް އަދިވެސް މާލޭގެ މަގުތަކުގައި ފެން ނުހިކި އެބަހުއްޓެވެ.

މާލޭ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ/ އެމްއެންޑީއެފް

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެއެވެ.

މޫސުން ގޯސްވުމާއިއެކު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުކުރާއިރު ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް