މޫސުން ގޯސް، މުޅި މާލެ ފެނު އަޑީގައި

މާލޭ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ/ އެމްއެންޑީއެފް

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެއެވެ.

ރޭ ދަންވަރުންސުރެއް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ހަތަރު އަވަށުގެ ގިނަ މަގުތައް ވަނީ ފެނު އަޑީގައެވެ. ހިނގާ ބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށް ދަތިވާ ވަރަށް ވަނީ ފެން ހެދިފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ޅ އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މިއަދުގެ މެންދުރު 2:30 ހަމައަށް ސަމާލު ނެރެފައިވާ މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެތީ މެޓް އޮފީހުން ވަނީ ސަމާލުވުމަށް އެދިފައެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދު ހުންނާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސްވުމާއިއެކު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުކުރާއިރު ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް