ސިނަމާލެ ބްރިޖް ހިމެނޭ ސަރަހައްދުގައި ހަރުކުރި ޓްރެފިކް ލައިޓްތަކުގެ ސަބަބުން ލައިޓްގައި މަޑުކުރަން ޖެހޭ ވަގުތު މަދުވާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ރޯޑް އިންޖިނިއަރިން ޔުނިޓް ބަލަހައްޓަވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިލިޔާސް ޢަބްދުﷲ މިއަދު "ސަން"އަށް ވިދާޅުވީ އަލަށް ހަރުކުރި "އެރޯ ޓްރެފިކް ލައިޓް" ތަކުގެ ސަބަބުން ގިނަ ފަސޭހަތަކެއް ދުއްވާ މީހުންނަށް ވާނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ މީގެ ކުރިން ހުރި ލައިޓްތަކުގައި އަބަދުވެސް މަސައްކަތް ކުރާނީ ކޮންމެވެސް އެއްކޮޅެއް ކަމަށެވެ. މީގެ ކުރިން ދެ ކޮޅުގައި ތިބޭ މީހުން ކުރިއަށް ދާން ފުރުސަތު ހޯދައިދެނީ ފުލުހަކު ބަހައްޓައިގެން ފްރީ ލޭން އަތުގެ އިޝާރާތުން ފޮނުވައިލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެރޯ ސިސްޓަމް އައީމަ ފްރީލޭން އަބަދުވެސްް މޫވް ކުރާނެ. އެހެންވީމަ ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މި ލައިޓް ސިސްޓަމްގެ ސަބަބުން، އެ މީހަކު ދާން ބޭނުންވާ ލޭނެއްގައި މަޑުކޮށްލުމުން ފަސޭހައިން ދެވޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
"ޖެހިޖެހިގެން އޮންނަ ދެ ލޭން ވަކިން މަސައްކަތް ކުރާނީ. އެހެންވީމަ އެ ބޭފުޅަކު ދާން އިހްތިޔާރުކޮށްފައި އޮންނަ ލޭންއަކަށް މަޑުކޮށްލީމަ ރަނގަޅުވާނެ. އެހެން ނޫންނަމަ ފަހަތުން އަންނަ އުޅަނދުތަކަށް އޭގެ ދަތިކަން ފޯރާނެ،" އިލްޔާސް ވިދާޅުވިއެވެ.
ކުރީ ލައިޓް ސިސްޓަމްގައި އޮޕަރޭޝަނަލް ފަންކްޝަންގެ މާ ބޮޑު މައުލޫމާތުތަކެއް ނޭނގޭ ކަމަށާއި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަލަށް ބޭނުންކުރަން ފެށި ލައިޓް ސިސްޓަމްގައި ކައުންޓްޑައުންއެއް އިންނަ ކަމަށާއި މަޑުކޮށްލަން ޖެހޭނީ ކިހާ ވަގުތެއް ކަން ވެސް އެނގޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު އާއްމުކޮށް މި ލައިޓްސް އޭރިއާގައި ދީފައި ހުންނާނީ ބްރިޖުން ފައިބާކޮޅު ގާތްގަނޑަކަށް އެއް މިނެޓު އިރު، މާލޭން ބްރިޖަށް އަރަން ވެސް އެއް މިނެޓު އިރު،" އިލްޔާސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ބްރިޖް ލައިޓް ކައިރީގައި ވެސް ހިނގައެވެ. މިހާތަނަށް މާލޭގައި މި އަހަރު 1،147 އެކްސިޑެންޓް ވަނީ ހިނގައިފައެވެ.