ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން، ސައުދީ އަރަބިއާގެ އަލް އެއްތިފާގާ ގުޅުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ލިވަޕޫލުގެ ލެޖެންޑް ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އެއްތިފާގާ ގުޅުމަށް ހެންޑަސަން އެއްބަސްވެ، ހުރިހާ ކަމެއް ނިމުމާ ގާތަށް ވަނީ ގޮސްފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ޖަރުމަންގެ ކާލްސްރުހާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ހެންޑަސަން ފެނިފައެއް ނުވެއެވެ. ހެންޑަސަން ހޯދުމަށް އަލް އެއްތިހާދުން 12 މިލިއަން ޕައުންޑް (15 މިލިއަން ޑޮލަރު)ގެ އަގެއް ލިވަޕޫލަށް ހުށަހަޅާފައިވާ އިރު، އޭނާއަށް މުސާރައިގެ ގޮތުގައި އަލް އެއްތިހާދުން ހަފުތާއެކު 700،000 ޕައުންޑް ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެންޑަސަންގެ އިތުރުން ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ވެސް ސައުދީ ލީގަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސައުދީ ޗެމްޕިއަން އަލް އިއްތިހާދުން ވަނީ ފަބީނިއޯ ހޯދުމަށް 40 މިލިއަން ޕައުންޑް (51 މިލިއަން ޑޮލަރު)ގެ އަގެއް ލިވަޕޫލަށް ހުށަހަޅައިފައެވެ.
ފަބީނިއޯ ހޯދުމަށް މަސައްކަތްކުރަމުންދާ އަލް އިއްތިހާދުން ވަނީ ކުރިއަށްއޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ޗެލްސީއަށް ކުޅެމުންދިޔަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަދި ސިލްޓިކްއަށް ކުޅެމުންދިޔަ ޕޯޗުގަލް ފޯވަޑް ޖޮޓާގެ ސޮއި ވެސް ހޯދައިފައެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސައުދީގެ އަލް ނަސްރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އިރު، އަންނަ ސީޒަނުގައި ވެސް ސައުދީ ލީގުން ފުޓުބޯޅައިގެ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ރޮނާލްޑޯ އާއި ބެންޒެމާ އާއި ކަންޓޭ އަދި ޖޮޓާގެ އިތުރުން އަންނަ ސީޒަނުގައި ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް އާއި ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ ވެސް ސައުދީ ލީގުން ފެނިގެންދާނެއެވެ.