މިއިން ޒަމާނެއްގައި ރިޔާސީ އިންތިޚާބަކުން ނެރެފައި ނުވާ ނަތީޖާއެއް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ޞާލިހަށް ހއ. އިހަވަންދޫން ނެރެދޭނެކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ، ރައީސް ހއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާއު ވިދާޅުވީ، ވޭތުވެދިޔަ އިންތިޚާބުތަކުގައި އިހަވަންދޫން ނެރުނު ނަތީޖާއަކީ އިންތިޚާބުތަކުން ނުކުތް ނަތީޖާކަމަށެވެ.
"ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ވެސް ބޮޑުތަނުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާއަށް ކާމިޔާބު ކޮށްދޭނަން. މިއިން ޒަމާނަކު ރިޔާސީ އިންތިޚާބެއްގަ ނުނެރޭ ނަތީޖާ ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަނޑުމެން މި އިހަވަންދޫ ފަސްގަނޑުން ނެރެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ރައީސަށް މިރޭ ވެސް އަރުވަން،" ޝިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއިން ޒަމާނަކު ފެނިފައި ނުވާ ތަރައްގީ ރައީސް ރާއްޖެއަށް ގެނެސްދެއްވައިފި ކަމަށެވެ. އަދި އިހަވަންދޫގެ ޗާޓު އެއްގޮތަކަށް އޮންނަތާ އެތައް ޒަމާނެއް ފަހުން، ބިން ހިއްކާ އެރަށުގެ ޗާޓު ރައީސް ބަދަލު ކުރައްވައިފި ކަމަށެވެ.
"މި ޗާޓު ބަދަލު ނުވެ ޒަމާންތަކަކަށް މި އިހަވަންދޫގައި އޮންނާނެ. އޮތްހާ ހިނދަކު ރައީސުލް ޖުމްހޫރިއްޔާގެ ހަނދާން ފޮހެވިގެން ދާނެ ގޮތެެއް ނެތް،" އޭނަ ވިދާޅުވިއެވެ.
ރައީސަށް ތައުރީފް ކުރައްވާ ޝިފާއު ވިދާޅުވީ، މިއިން ޒަމާނެއްގައި ވެސް ރައީސަކު އިހަވަންދޫގެ ދެފަސް ބެދޭ ހިސާބަށްވުރެ އެތެރެއަށް ވަދެވަޑައިގެންފާ ނުވާކަމަށެވެ. ނަމަވެސް، ރައީސް ޞާލިހު މަސައްކަތް ކުރެއްވީ ރައްޔިތުންގެ އިހުސާސްތައް ގާތުން ދެކެގެން އިހަވަންދޫ ރައްޔިތުންގެ އުންމީދު ހާސިލްކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ، އަތޮޅުތަކުގެ ރައްޔިތުންނަށް ތަރައްގީގެ އުންމީދު ދެއްވީ ރައީސް ޞާލިހު ކަމަށެވެ. އެހެންކަމުން އުތުރުން ދެކުނަށް އެއްވެސް ރަށެއް ބާކީ ނުވެ ރައީސަށް ސާފު އަގުލަބިއްޔަތު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން އިހަވަންދޫގައި ހިންގަން ފަށާފައިވާ ބައެއް މަޝްރޫއުތަކަށް ބަލާއިރު، އެ ރަށުގައި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމާއި އިހަވަންދޫ މަގުތަކުގައި ތާރު އެޅުމާއި ބަނދަރު ހެދުން ހިމެނެއެވެ. އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކޮށް މިހާރު ވަނީ ފަށާފައެވެ.