ތުރާކުނުން އެދުނު ގޮތަށް ޖެހިގެން އޮތް ވަނގާރު، ރައީސް ދެއްވައިފި

ހއ. ތުރާކުުނު ކައިރި އޮންނަ ފަޅު ރަށް ހއ. ވަނގާރު. ރައީސްވަނީ މި ރަށް ތުރާކުނު އިހްތިޞާސްގައި ހިމަނުއްވަން ނިންމަވައިފައި -- ފޮޓޯ/ ގޫގްލް މެޕްސް

ހއ. ތުރާކުނުން، މުޙައްމަދު ނާއިލް ހަފީޒް

ހއ. ތުރާކުނު ރައްޔިތުންގެ އެދުމާ އެއްގޮތަށް މި ރަށާ އިންވެގެން އޮތް ފަޅު ރަށް، ހއ. ވަނގާރު ތުރާކުނުގެ އިހްތިޞާސްގެ ތެރޭ ހިމަނައިދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ.

ހއ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ދެވަނަ ރަށެއްގެ ގޮތުގައި އެ މަނިކުފާނު ވަޑައިގަތީ ހއ. ތުރާކުނަށެވެ.

ރައީސްގެ ވާހަކަފުޅުގެ ކުރިން، މި ރަށުގެ ރައްޔިތުން އެދުނީ ތުރާކުނު ކައިރީ އޮތް ފަޅު ރަށް، ހއ. ވަގާރު ތުރާކުނުގެ އިހްތިޞާސްގެ ތެރޭ ހިމަނުއްވަވައިދެއްވުމަށެވެ.

އެ ކަމާ ގުޅިގެން ރައީސް ވިދާޅުވީ ވަނގާރަކީ ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން ލިސްޓުކޮށްފައި އޮތް ރަށެއް ކަމަށެވެ.

ރައީސް ހއ. ތުރާކުނުގައިި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ނަމަވެސް ރައްޔިތުންގެ އެދުމާ އެއްގޮތަށް ދެން އެ ރަށް ކައުންސިލަށް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ކައުންސިލްގެ އެދުމާއި ރައްޔިތުންގެ އެދުމާ އެކީގައި އިރާދަކުރެއްވިއްޔާ އެ ރަށް ޓޫރިޒަމްގެ ލިސްޓުން ވަކިކޮށް މި ރަށުގެ ރައްޔިތުންނަށް އެ ބޭނުންކުރެވޭ ގޮތަށް ހަދައިިދޭނަން،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ބިން ހިއްކަން ވެސް މިހާރު އެމްޓީސީސީއާއެކު ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށެވެ. ޕްލޭނާ އެއްގޮތަށް އެ މަސައްކަތް ލަސްނުވެ ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރުން ތި ބޭފުޅުން ތި ބޭނުންވާ ބިމުގެ ދަތިކަމަށް ހައްލު ލިބި އަދި ވަނގާރު ތިބޭފުޅުންނަށް ބޭނުންކުރެވޭ ގޮތަށްވުމުން އަޅުގަނޑު ހިތުން މި ރަށަށް ދިމާވެފައި މި އޮތް ބިމުގެ ދަތިކަމަށް އަދި އެގްރިކަލްޗާ މަސައްކަތަށް ވެސް އެ ރަށް ބޭނުންކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުރާކުނަކީ އާބާދީ މަދު، އެހެން ރަށްތަކާ އެކަހެރި ރަށެއް ކަމަށެވެ. އެއީ މި ރަށް ސަރުކާރުތަކުގެ ތަރައްގީން ބާކީވި ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޖަޒީރާ ރާއްޖޭގެ ސިޔާސަތާއެކު އާބާދީ މަދުވުމަކީ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް އޮތް ބަހަނާއެއްގެ ގޮތުގައި ނުބަލާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަންކަން އެއް ހަމައެއްގައި ފުއްދަވައިދެއްްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ތުރާކުނުގެ ބޯޅަ ދަނޑު މިއަދު ހުޅުވުމާއެކު ޒުވާނުން އެދުނީ ދަނޑުގައިި ރޭގަނޑު ކުޅެވޭނެހެން ވަސީލަތްތައް ގާއިމްކޮށްދިނުމަށެވެ.

"ތުރާކުނުގެ ޒުވާނުން މިއަދު ބޭނުންވަނީ ރޭގަނޑު ވެސް އެ ފުޓުބޯޅަ ދަނޑުގައި ކުޅޭވޭނެ ގޮތް ހަދައިދޭން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޒުވާނުންގެ އެދުމާ އެއްގޮތަށް އެ ކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވަކިން އޮންނަ ރަށްރަށަށް ދިރުން ލިބެނީ ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅައިލެވިގެން ކަމަށެވެ.

އެގޮތުން މި ސަރަހައްދުން އާރްޓީއެލް ފެރީގެ ނިޒާމުން ގުޅިފައިވާއިރު މިހާތަަނަށް މި ސަރަަހައްދުން ދެ ލައްކަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ތުރާކުނުގެ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް