ސައުދީ އަރަބިއާގެ ކްލަބު، އަލް ހިލާލުން ލިވަޕޫލުގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ހޯދުމަށް ބޮޑު އަގެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އުމުރުން 26 އަހަރުގެ ޑިއާޒް ލިވަޕޫލާ ގުޅުނުތާ އަދި ވެފައިވަނީ 18 މަސް ދުވަހެވެ. އޭނާ ލިވަޕޫލާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕޯޓޯ އިންނެވެ. އޭނާއަކީ އަންނަ ސީޒަނުގައި ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް ވާނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އަލް ހިލާލުން ދަނީ ޑިއާޒް ގެނައުމަށް ލިވަޕޫލަށް 50 މިލިއަން ޕައުންޑް (65 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. އަދި އެ އަގަށް ލިވަޕޫލުން އެއްބަސްވާނެ ކަމަށް އަލް ހިލާލުން ގަބޫލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީގެ ކްލަބުތަކަކުން ދަނީ ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ހެންޑަސަން ވަނީ ލިވަޕޫލުގެ ލެޖެންޑް ސްޓީވަން ޖެރާޑް އިރުޝާދުދެމުންދާ އަލް އެއްތިފާގާ ގުޅުމަށް އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަބީނިއޯ ހޯދުމަށް މަސައްކަތްކުރަމުންދަނީ ސައުދީ ޗެމްޕިއަން އަލް އިއްތިހާދުންނެވެ. އެ ކްލަބުން ވަނީ ކުރިއަށްއޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ޗެލްސީއަށް ކުޅެމުންދިޔަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަދި ސިލްޓިކްއަށް ކުޅެމުންދިޔަ ޕޯޗުގަލް ފޯވަޑް ޖޮޓާގެ ސޮއި ވެސް ހޯދައިފައެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސައުދީގެ އަލް ނަސްރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އިރު، އަންނަ ސީޒަނުގައި ވެސް ސައުދީ ލީގުން ފުޓުބޯޅައިގެ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ރޮނާލްޑޯ އާއި ބެންޒެމާ އާއި ކަންޓޭ އަދި ޖޮޓާގެ އިތުރުން އަންނަ ސީޒަނުގައި ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް އާއި ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ ވެސް ސައުދީ ލީގުން ފެނިގެންދާނެއެވެ.