އުމްރާނީ މަޝްރޫޢުތަކުގެ ހަގީގީ ބޭނުން ހިފޭނީ ރައްޔިތުން ބާރުވެރިކޮށްދީގެން: ރައީސް ނަޝީދު

ދަ ޑިމޮކްރެޓްސް އިން ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ---

ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ މަޝްރޫޢުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ އިޤްތިސާދީގޮތުން ރައްޔިތު މީހާ ބާރުވެރި ކޮށްދީގެންކަމަށް ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު ލޯންޗްކުރުމަށް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ތުޅާދޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނި ނަގައިގެން އުމްރާނީ ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ މިއަދު ރާއްޖެ ފަދަ މެދު އާމްދަނީގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އުމްރާނީ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމުގައި މިއަދު ގެންގުޅެމުން އަންނަ އުސޫލުގެ ގޯސްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ އުމުރާނީ މަސައްކަތަކުން އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.

އެގޮތުން ބޮޑެތި އުމްރާނީ މަސައްކަތްތަކުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭގެން މަސައްކަތަކުން އާމްދަނީއަށް އަސަރުކުރާ މިންވަރު ފާހަގަވުމަށް ގިނަ އަހަރުތަކެއް ނެގުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް ރަށެއްގައި މިއަޅަނީ މަގެއް. މަގެއް މިއަޅަނީ އެތަނުގައި އެއްޗެހި ދުއްވަން. މަގެއް އަޅައި އެތަނުގައި ދުއްވާނެ އެއްޗެހި ހުރެ، އެ މަގު އޭގެ ފުރިހަމަ އިޤްތިސާދީ ބޭނުމަށް ބޭނުންކުރަން ފެށުމަށް ދުވަސްތަކެއް އެބަނަގާ.މި ދުަވަސްތަކުގެ ތެރޭގައި ދަރަނި ހިނގާ. ލިބޭ އާމްދަނީ އިތުރު ނުކުރެވި ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު މިދަނީ ބޮޑުވަމުން" ނަޝީދު ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖެ ފަދަ އެތައް މެދުއާމްދަނީ ލިބޭ ޤައުމުތަކަށް ދިމާވަމުން އަންނަ މައްސަލައެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެންމެ ކައިރިން އަވައްޓެރި ސިލޯނަށް ބެލިނަމަވެސް މިކަން ފެންނާން އެބައޮތްކަމަށެވެ.

"މަގުތައް އެބަހަދާ އެކި ޤައުމުތަކުގެ ދަރަނީގެ އެހީގައި. އެހަދާ މަގުތަކުގައި މީހުން ދަތުރުކޮށް އޭގެ ސަބަބުން އިޤްތިސާދަށް ފައިދާވާން އެންމެ އަވަސްވެގެން ވެސް 6 އަހަރު އެބަނަގާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރަޓުންގެ ވިސްނުމަކީ އުމްރާނީ މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުން ކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ކުރިއަށްގެންދާ އުމްރާނީ މަޝްރޫޢުތަކުގެ ބޭނުން ނުހިފޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ، އަދުގެ ސަރުކާރުން އައީ ހަމައެކަނި ބަނދަރެއް ހަދަން ކަމަށެވެ. ނަމަވެސް ބަނދަރުމައްޗެއްގައި ފިހާރަތަކާއި، މާރުކޭޓާއި، އަދި ބަނދަރަށް ލަފާ ފުރާ އުލަނދުތަކުން ތަކެތި އުފުލާ ނެގޭނޭގޮތް ހަދަންޖެހޭކަމަށާއި، ޑިމޮކްރެޓުންގެ ސިޔާސަތަކީ މިމަގުން ކަންކަން ކުރިއަށްގެންދިއުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އިތުރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު މިރޭ ވަނީ ކޫއްޑޫ އަދި މިފްކޯގެ ތަންތަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީ މިފްކޯގެ ދަރަނި ބޮޑުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް