ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ޕީއެޗްޑީ ހާސިލްކުރައްވައިފި

ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު އަމީން އިބްރާހީމް--- ފޮޓޯ/ އަމީން އިބްރާހީމް އެފްބީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ދައުލަތުގެ ޒިންމާދާރު ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ އަމީން އިބްރާހީމް ޕީއެޗްޑީ ހާސިލްކުރައްވައިފިއެވެ.

ޔުނިވާސިޓީ އޮފް ވޭލްސްއިން އަމީން ޕީއެޗްޑީ ނެންގެވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު އަމީން އިބްރާހީމް މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިލްމު ހޯދުމަށް އޮތް ޝައުގުވެރިކަން އިތުރުކޮށްދިން އަދި އުނގެނުމަށް ޝައުޤުވެރިކަން އުފައްދައިދިން މައިންބަފައިންނަށް ހިތުގެ އެންމެ ފުންމިނުން ދާއިމީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަމީން ވަނީ މި ކާމިޔާބީ ހާސިލްވުމުގައި އެދުރުންނާއި، އާއިލާގެ އިތުރުން އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އަމީން އިބްރާހިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން ޖޫމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމުގެ ކެމްޕެއިނުގެ ހަރަކާތްތަކުގެ އިސް މޭސްތިރިއެވެ.

ދައުލަތުގެ ޒިންމާދާރު ގިނަ މަޤާމުތަކެއް އަމީން އިބްރާހީމް ފުރުއްވާފައިވާއިރު، އެމަނިކުފާނު އެންމެފަހުން އަދާކުރެއްވި ސަރުކާރުގެ ވަޒީފާއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަމެވެ.

އަމީން އިބްރާހިމް މީގެކުރިން އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތަކުގެ ތެރޭގައ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުކަމާއި، ތައުލީމީ ފަންޑުގެ ޗެއާމަންކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އަމީން ވަނީ އެމްއެންބީސީގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމާއި، އެމްޓީސީސީ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމުގެ އިތުރުން، ކުންފުނިތައް އެސްޓެބްލިޝްކޮށް އެތަންތަނަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ވެސް ކޮށްދީފައެވެ.

އަމީން އިބްރާހިމަކީ ތުޅާދޫގެ މަޝްހޫރު ޚިދުމަތްތެރިޔާ އަދި ޤުރުއާން މުދައްރިސް އަލްމަރުހޫމް އިބްރާހިމް ހުސައިންފުޅުގެ އެންމެ ދޮށީ ބޭފުޅާއެވެ. އަމީން އިބްރާހިމް ޕީއެޗްޑީ ހާސިލް ކުރެއްވިއިރު، ކޮއްކޮ މަޝްހޫރު ޒުވާން އަދީބް އަންވަރު އިބްރާހީމް ގެންދަވަނީ ދިވެހިބަހުގެ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކޮށް ނިންމުމަށް ތީސިސް ލިޔުއްވަމުންނެވެ.

comment ކޮމެންޓް