ވެސްޓް ހާމުން މެގުއާއަށް ހުށަހެޅި ލޯނު ބިޑު ޔުނައިޓެޑުން ގަބޫލެއް ނުކުރި

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ -- ފޮޓޯ/ ގެޓީ

ލޯނުގެ ދަށުން އިނގިރޭސި ޑެފެންޑަރު ހެރީ މެގުއާ ހޯދުމަށް ވެސްޓް ހާމް ޔުނައިޓެޑުން ކުރި ބިޑު މެންޗެސްޓާ ޔުނައިޓެޑުން ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުނައިޓެޑުން މެގުއާއަށް ބޭނުންވާ އަގު ބޮޑުކަމުން ވެސްޓް ހާމުން އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔުނައިޓެޑުން މެގުއާ ދާއިމީކޮށް ވިއްކާލަން ބޭނުންވާތީ، ވެސްޓް ހާމްގެ އެ ބިޑު ގަބޫލުކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން އެ ބިޑު ގަބޫލުކޮށްފައި ނުވުމުން ވެސްޓް ހާމުން މިހާރު މަސައްކަތްކުރަމުންދަނީ ލޯނުގެ ދަށުން ހޯދުމަށްފަހު، ޖެހިގެން އަންނަ ސީޒަނުގައި ދާއިމީކޮށް އޭނާ ގަނެވޭނެ ގޮތަކަށް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް ދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން މެގުއާ ވިއްކާލުމަށް ބޭނުންވަނީ 50 މިލިއަން ޕައުންޑް (65 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. ޔުނައިޓެޑް ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގުޅިގެން މުސާރަ ބޮޑުކުރި ކުޅުންތެރިންގެ ތެރޭގައި މެގުއާ ހިމެނިފައިވާ އިރު، ވެސްޓް ހާމަށް ގެންގޮސް އޭނާއަށް އެ މުސާރަ ދިނުމަށް އެ ކްލަބަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.

ޔުނައިޓެޑުގައި މެގުއާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ އިރު، ދާދިފަހުން އެ ކްލަބުގެ ކޯޗު އެރިކް ޓެން ހާގް ވަނީ މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ވެސް އަތުލައިފައެވެ.

comment ކޮމެންޓް