މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވައިލެއްވިއިރު ކުރެވެނީ އުފާވެރިކަމުގެ އިހްސާސެއް ކަމަށް ވިދާޅުވެ ވ. ފުލިދޫއަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
މ. އަތޮޅުގެ ރަށްތައް ނިންމައި، ވ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް ރައީސް ވަޑައިގަތީ ފުލިދޫއަށެވެ. މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވި ގިނަ މަޝްރޫތަކެއް ދެ އަތޮޅުގެ ރަށްތަކުގައި ހިންގިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ވަރަށް އަަވަހަށް އެ މަނިކުފާނުގެ ދެން އަންނަ ދައުރުގެ މެނިފެސްޓޯގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެއީ ކުރާނެ ކަންކަން ދުރާލައި ރޭވިގެން ފައިސާ ހުރެގެން ކުރަން ނިންމާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މެނިފެސްޓޯ އާންމުކުރެވިގެންދާ އިރުގައި ކޮންމެ ރަށަކަށް ވެސް ކޮންމެ އަތޮޅަކަށް ވެސް އަޅުގަނޑުމެން މި ވާ ވައުދުތައް އޭގައި ހިމެނި، އޭގައިވާ ކަންތައްތައް ކުރާނެ ގޮތް ތަފްސީލާއެކު ހިމަނާނަން،" ރައީސް ވިދާޅުވިއެވެ.
ވ. ފުލިދޫއަށް ރައީސްގެ ވައުދުތައް:
- ރަށުގެ ގުދުރަތީ ސިފަ ނުގެއްލޭ ގޮތަށް ބަނދަރެއް ހެދުން
- ޒަމާނީ އައު ސިއްޙީ މަރުކަޒެއް ގާއިމްކުރުން
- ފުލިދޫ ސްކޫލު އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުން
ރައީސް ވިދާޅުވީ ތަރައްގީގެ މަގުގައި ކޮންމެ ކަމެއްގައި ވެސް އަންނަން ޖެހޭ ބަދަލުތަކެއް ހުންނާނެކަމަށެވެ. އެއީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރާނެ ކަންކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަށުގައިި ރައީސްވަނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައިފައެވެ.