އެކްސިޑެންޓުވި ހަފީޒް ހޮސްޕިޓަލަށް ގެންގޮސްދިން މީހުން ހޯދަނީ

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ހަފީޒް -- ފޮޓޯ/ ގައުމީ ޔުނިވާސިޓީ

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

ފުުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާ ކަމަށެވެ.

"ވީމާ، އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ. އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދީފައެވެ. ފަހުން ރާއްޖޭން ބޭރަށް ގެންގޮސް އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި ތުހުމަތު ކުރެވޭ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް