އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖޭގެ އިބޫއަށް އިތުރު މެޑަލްއެއް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އޯޕަން އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ހުސައިން އަރީފް (އިބޫ) -- ފޮޓޯ/ މޯލްޑިވްސް ސާފިން އެސޯސިއޭޝަން

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އޯޕަން އިވެންޓުން ރާއްޖޭގެ ރާޅާއެޅުންތެރިޔާ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައިފިއެވެ.

ކ. ތުލުސްދޫގައި ކުރިއަށްގެންދާ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އިތުރުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ވެސް އިބޫ ވަނީ ރާއްޖެއަށް ލޯ މެޑަލްއެއް ހޯދައިދީފައެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގެ އޯޕަން އިވެންޓުގެ ފައިނަލް ހީޓް އިއްޔެ ކުރިއަށްގެންދިޔަ އިރު، ފައިނަލް ހީޓުން ރަން މެޑަލް ހޯދީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯއެވެ. ރިހި މެޑަލް ހޯދީ ޖަޕާންގެ ރިކީ ސަޓޯއެވެ. ރާއްޖޭގެ އިބޫ ތިންވަނަ ހޯދި އިރު، ހަތަރުވަނައިގައި ނިންމާލީ ޖަޕާންގެ އިކޯ ވަތަނާބޭ އެވެ.

އިބޫ ވަނީ މިއަހަރުގެ މުބާރާތުގެ ޓީމް އިވެންޓުގެ އަލޯހާ ކަޕުން ވެސް ލޯ މެޑަލްއެއް ހޯދައިފައެވެ. އެ މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ހިމެނުނީ އިބޫގެ އިތުރުން ހޫދު އަހުމަދާއި ރާހިލް ނަސީމް އަދި އަހުމަދު އާގިލްއެވެ.

މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ތުލުސްދޫގައި ކުރިއަށްގެންދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އޭޝިއާ ސަރަހައްދުގެ ވަރުގަދަ ރާޅާއެޅުންތެރިން ވާދަކުރެއެވެ.

comment ކޮމެންޓް