ރާއްޖޭގައި އެންއެސްޕީ ސާފްބޯޑުގެ ފުރަތަމަ އަންހެން އެމްބެސެޑަރަކަށް ޝާޒް

ރާއްޖޭގައި އެންއެސްޕީ ސާފްބޯޑުގެ ފުރަތަމަ އަންހެން އެމްބެސެޑަރަކަށް ޝާޒް ހަމަޖެއްސުން --- ސަން ފޮޓޯ/ މުހައްމަދު މާނިއު

ރާޅާއެޅުމުގެ ދުނިޔޭގައި މަޝްހޫރު ނޭޗާ ސާފިން ޕްރޮޑަކްޓްސް (އެންއެސްޕީ)ގެ ސާފިންބޯޑް ޕްރޮމޯޓް ކުރުމަށް، ރާއްޖޭގެ ފުރަތަަމަ އަންހެން އެމްބެސެޑަރަކަށް ޝާޒިޔާ ސައީދު (ޝާޒް) މިއަދު ހަމަޖައްސައިފިއެވެ.

އެންއެސްޕީ ސާފްބޯޑު ވިއްކާ، ޑީޓެކް ޝޯރޫމުގައި އޮތް ހަފުލާއެއްގައި މި ކަމަށްޓަކައި ޝާޒާއި މޯލްޑިވްސް ސުޕާ ޓްރާންސްފާ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޓީއެސް)އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްއެސްޓީއެސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓާ އޮފް ފިނޭންސް، އާއިޝަތު ޝާއިރާއެވެ.

އެމްއެސްޓީއެސްއަކީ، އެންއެސްޕީ ސާފްބޯޑު ރާއްޖެ ގެންނަ ކުންފުނި ކަމަށްވާއިރު، އެއީ މުޅި ދުނިޔޭގައި ވެސް ވަރަށް މަގުބޫލު ސާފިންބޯޑު އުފައްދާ ބްރޭންޑެކެވެ. އެ ކުންފުނިން ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުގައި ވެސް މޫދު ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގައެވެ.

ޝާއިރާ ވިދާޅުވި ގޮތުގައި، އެންއެސްޕީގެ ސާފްބޯޑުތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަގުސަދަކީ ބޯޑު ނެތި ތިބި ކުދިންނަށް މި ކުޅިވަރުން ފުރުސަތުތައް ފަހިކޮށްދީ، މި ކުޅިވަރު އިތުރަށް ރާއްޖޭގައި ކުރިއެރުވުމުވެ. އެ ކުންފުނީގެ އުއްމީދަކީ، ގިނަ ކުދިންތަކެއް މި ދާއިރާއިން ކުރިއަށް ދިޔުމެވެ.

ރާއްޖޭގައި އެންއެސްޕީ ސާފްބޯޑުގެ ފުރަތަމަ އަންހެން އެމްބެސެޑަރަކަށް ޝާޒް ހަމަޖެއްސުން --- ސަން ފޮޓޯ/ މުހައްމަދު މާނިއު

މި ކަމާ ގުޅިގެން 'ސަން'އަށް ދިން އިންޓަވިއުއެއްގައި ޝާޒް ބުނީ، ރާޅާ އެޅުމަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ މިހާރު ދިރިއުޅުމުގެ ބައެއް ކަމަށެވެ. މިގޮތުން، ރާޅާ އަޅާ ސަރަހައްދެއް ހަލާކުވެއްޖެނަމަ، އެ ތަނެއް ތަރައްގީ ކުރުމަށް ބޭނުންވާކަން ޝާޒް ފާހަގަކުރިއެވެ. އަދި އެންއެސްޕީން ހަދިޔާކުރި ސާފިން ބޯޑުތަކާއެކު، ޒުވާން ކުދިންނަށް ސާފްކުރުމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އޭނާ ބުންޏެވެ.

"އޭރަށް އެ ކުދިން މި ކުޅިވަރު ދެކެ ލޯބިވެފައި، ކުޅިވަރު ކުޅޭ ތަނެއް ހަލާކުވެއްޖިއްޔާ އެ ތަނެއް ޕްރޮޓެކްޓުކޮށް، ޑެވެލޮޕްވެގެން ގައުމީ އެތުލީޓަކަށް ވުމުގެ ފުރުސަތު ވެސް އެ ކުދިންނަށް ލިބޭނެ،" ޝާޒް ބުންޏެވެ.

ޝާޒްއަކީ ރާޅާއެޅުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ޝަޚުސިއްޔަތުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 1998އިން ފެށިގެން ރާޅާއަޅަމުން އަންނަ ޝާޒް، އެކި މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ހާސިލުކޮށްފައިވެއެވެ.

comment ކޮމެންޓް