ސިޔާސީ ދާއިރާގައި އެމްޑީޕީއަށް ނުރުހުން އަމާޒުވީ އެ ޕާޓީގައި ކުރިން ރައީސްކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދާހެދި ކަމަށް ވިދާޅުވެ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވަރަށް ބޮޑަށް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
މ. އަތޮޅަށް ރައީސް ޞާލިހު ކުރައްވާ ކެމްޕޭނު ދަތުރުގައި މިރޭ ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން މައުރޫފް ވިދާޅުވީ 2012ވަނަ އަހަރު އެމްޑީއޭ ވުޖޫދުވެ އިސްކަންދިނީ، 2013ވަނަ އަހަރު ކޯލިޝަނެއް ހެދުމަށް ޓަކައި ނަގާނެ ކެނޑީޑޭޓަކާމެދު ވިސްނުމަށްކަމަށެވެ.
"އެ ވަގުތު އިއްތިފާގު ދިމާވިގޮތުން ޕާޓީ ވުޖޫދުކޮށް، 3،000 މީހުން ހަމަކޮށް ޖެހުނީ އިންތިޚާބަކާ ކުރިމަތިލާން. އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ކެންޑީޑޭޓުންތަކެއް. އަޅުގަނޑުމެން ވިސްނައި ފިކުރުކުރީ ކާކާ އެކީގައިތޯދާނީ،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީއާމެދު އެމްޑީއޭއިން އެއްވެސް އިރެއްގައި ހިތްބުރަކަމެއް ނެތް ކަމަށެވެ. ކޯލިޝަނެއް ހަދަން ބެލިއިރު އެއިރު ވެސް މައްސަލައަކަށްވީ އެމްޑީޕީން ނެރުނު ރިޔާސީ ކެނޑީޑޭޓް މުހައްމަދު ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހަޖަމުކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނޫން ހުރީ އިނގޭތޯ. އަޅުގަނޑުމެން އެ މަނިކުފާނަށް އެއް ދައުރު ދިނީމާ ކަމުނުގޮސްގެން ރައްޔިތުން ކުރިމަތީގައި އިސްތިއުފާ ދެއްވައިފައި ހުރި ބޭފުޅެއްވީމާ އަނެއްކާ ވެސް އަޅުގަނޑުމެން އެ މަނިކުފާނު ގޮވައިގެން ރައްޔިތުން ކުރިމައްޗަށް އެރުމަކީ ފަސޭހަ ކަމެއް ނޫން،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސް ނަޝީދާމެދު ރައްޔިތުން ވެސް ނުރުހުންވާކަމަށާއިި އެއީ ދީނަށް ކުޑައިމީސްވާހެން ދައްކަވާ ވާހަކަތަކާ ހެދި ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ހަމަ ދަންނަވައިލަން އޮތީ އެމްޑީޕީއަށް 2013 ގެއްލިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ކެންޑިޑޭޓެއްގެ ގޮތުގައިި ނިކުތީމައޭ. އެހެންވީމައޭ އެ މަނިކުފާނާއެކީގައި ދެވަނަ ބުރުގައި ކޯލިޝަނަކާއެކު ދާނެ އެއްވެސް ޕާޓީއެއް ނުވީ،" މައުރޫފް ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވައި ހެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް ފާޑު ވިދާޅުވަމުން މައުރޫފް ވިދާޅުވީ 'ބޮޑު ސަޕްރައިޒަކަށް ހަދައިގެން' ބޭއްވި ޖަލްސާއަށް ވެސް ދިޔައީ މަދު ބަޔަކު ކަމަށެވެ.
"އަޅުގަނޑު ހިތަށް އެރި މިއީ ހާދަ ވަރުގަދަ ޖަލްސާއަކަށް ވާނޭ. ރައީސް ނަޝީީދުގެ ސޮއިކުރުން ދަ ޑިމޮކްރެޓްސްއަށް އޮންނަ ރޭ. އާދެ އެ ރޭ ސޮއިކުރަން ވެގެން އެ މަނިކުފާނު ވަޑައިގެން އެ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު 600 ވަރަކަށް މީހުން ތިބީ. އަޅުގަނޑު ހީކުރީ ތިން ހާހެއްހާ މީހުން ނުވަތަ ހަތަރު ހާހެއްހާ މީހުން އެ މަނިކުފާނު ސޮއިކުރާ ޖަލްސާއަށް ގޮސް އެ މަނިކުފާނާ އެކީ ސޮއިކުރާނެކަމަށް،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ އަބަދު ވެސް އެއްބުރުން އެއްވަނައިގައި ކާމިޔާބުކުރާނެ ޕާޓީއެއް ކަމަށާއި އެމްޑީއޭއިން އަބަދު ވެސް އިންތިޒާރުކުރީ އެމްޑީޕީގެ ހިންގުމަށް ހަރުދަނާ ވެރިއަކު އަންނަންދެން ކަމަށެވެ. އަދި މިއަދު އެމްޑީއޭއިން ތިބީ ރައީސާއެކު 'ގަދަކޮށް' ކަމަށާއި 60 ނުވަަތަ 70 ޕަސެންޓުން ރައީސް ދެވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.