އަލް އަހްލީއާ ގުޅެން މަހްރޭޒް އެއްބަސްވެއްޖެ

މެންޗެސްޓާ ސިޓީގެ އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް -- ފޮޓޯ/ ގެޓީ

އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް، މެންޗެސްޓާ ސިޓީ ދޫކޮށް ސައުދީ އަރަބިއާގެ އަލް އަހްލީއާ ގުޅެން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ސިޓީ ދޫކޮށް ދިއުމަށް ވިސްނަމުންދާ ކަމަށް މަހްރޭޒް ބުނެފައިވާ އިރު، މިހާރު ރިޕޯޓުތައް ބުނަމުންދަނީ އޭނާ އަހްލީއާ ގުޅެން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސިޓީއާއެކު ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި އަހްލީން މަޝްވަރާކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 32 އަހަރުގެ މަހްރޭޒް ހޯދުމަށް އަލް އަހްލީން ދަނީ ސިޓީއަށް 30 މިލިއަން ޕައުންޑް (39 މިލިއަން ޑޮލަރު)ގެ ބިޑެއް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި މަހްރޭޒްއާއެކު ހަދާ ކޮންޓްރެކްޓްގެ ދަށުން އަލް އަހްލީން މުސާރައިގެ ގޮތުގައި އަހަރަކު 25 މިލިއަން ޕައުންޑް (32 މިލިއަން ޑޮލަރު) ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސިޓީ ދޫކޮށް ދިއުމަށް މަހްރޭޒް މަސައްކަތްކުރަމުންދާ އިރު، އެ ކްލަބަށް ޕޯޗުގަލް ފޯވަޑް ބެނާޑޯ ސިލްވާ ގެއްލުމުގެ ބިރު ވެސް އެބައޮތެވެ. ސިލްވާ ހޯދުމަށް ބާސެލޯނާ އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އިނގިރޭސި އަދި ޔޫރަޕްގެ ޗެމްޕިއަން ސިޓީން މަހްރޭޒްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ.

comment ކޮމެންޓް