ޓޫރިޒަމް ޑައިވާސިޓީ ފެސްޓިވަލް މި މަހު ފަށަނީ

ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ މި ޖުލައި މަހު ޓޫރިޒަމް ޑައިވާސިޓީ ފެސްޓިވަލް ފަށާނެ ކަމަށް ---

ފަތުރުވެރިންނަށް އަމާޒުކޮށް ޓޫރިޒަމް ޑައިވާސިޓީ ފެސްޓިވަލްއެއް ފަށަން ޓޫރިޒަމް މިނިސްޓްރީއިން ނިންމައިިފިއެވެ.

މިކަން ހާމަކުރެއްވީ މި އަހަރު ރާއްޖެ އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމެވެ.

ޑައިވާސިޓީ ފެސްޓިވަލްއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މައުސޫމް "ސަން"އަށް ވިދާޅުވީ މިއީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ ފެސްޓިވަލްއެއް ކަމަށެވެ.

މިފަދަ ފެސްޓިވަލެއް ބާއްވާ ސަބަބު ކިޔައިދެއްވަމުން މައުސޫމް ވިދާޅުވީ މެއި މަހުން ފެށިގެން ޖުލައި މަހަކީ އާންމުކޯށް ލޯ ސީޒަން ނަމަވެސް މިހާރު ލޯ ސީޒަން ކިޔާ ވަރަށް ވުރެ ފަތުރުވެރިން އަންނަ އަދަދު ގިނަ ކަމަށެވެ. އެހެންކަމުން، މި ފެސްޓިވަލް ބާއްވަނީ މިއީ މިޑް ސީޒަން ކަމަށް ބަލާ މިޑް ސީޒަން ރަނގަޅު ކުރުމުގެ މަގުސަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ފަށާ ޑައިވާސިޓީ ފެސްޓިވަލަކީ މި އަހަރު ތަންކޮޅެއް ކުޑަކޮށް ފެށުނު ކަމުގައި ވިއަސް އަންނަން އޮތް އަހަރުތަކުގައި ވަރަށް ބޮޑުކޮށް، ދުނިޔޭގެ ކަންކޮޅުތަކުން ސީދާ ޓޫރިޒަމް ޑައިވާސިޓީ ފެސްޓިވަލްއަށް ފަތުރުވެރިން އަންނަން ކެތްމަދުވާ ކަހަލަ ފެސްޓިވަލްއަކަށް ވެގެން ދާނެ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވަނީ މުސްތަގުބަލުގައި މިކަހަލަ އެެހެން ތަފާތު އިވެންޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިފަހަރުގެ ޑައިވާސިޓީ ފެސްޓިވަލް ކުރިޔަށް ގެންދަނީ މާލެ ސަރަހައްދުގައެވެ. މި ފެސްޓިވަލްގެ ތެރެއިން މުޅި ރާއްޖޭގެ ސަގާފަތް ދައްކުވައިދީ ވަކި ވަކި ރަށްތަކުގެ ޚާއްސަ ކަންތައްތައް ދައްކުވައިދޭނެއެވެ. އަދި އެކި ރަށްތަކުގެ ސަގާފީ ކުޅިވަރުތަކާ ދިރިއުޅުމުގެ ވައްޓަފާޅިއާ ދިވެހީންގެ ސަގާފަތް ވެސް ފަތުރުވެރިންނަށް މި ފެސްޓިވަލްގެ ތެރެއިން ފެނިގެން ދާނެކަމަށް މައުސޫމް ވިދާޅުވިއެވެ.

"މިއީ ޒަމާނީ ފަތުރުވެރިން ވަރަށް ބޮޑަށް ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމެއް. އެކަމު ރާއްޖޭގެ 185 ރަށަށް އެންމެންނަކަށް ނުދެވޭނެ ނޫންތޯ. އެހެންވީމަ، އަޅުގަނޑުމެންނަށް ހުރިހާ ރަށްތަކެއް އެއްތަނަކުން ދައްކާލެވިއްޖިއްޔާ އެމީހުންނަށް އެނގޭނެ ފެސްޓިވަލްއެއްގަ މިހާ ފޯރިގަދަވެއްޖިއްޔާ ރަށްތަކުގައި މިކަމުގެ ފޯރި ހުންނާނެވަރު،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ޑައިވާސިޓީ ފެސްޓިވަލް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އާރޓސް، ކަލްޗަރ އެންޑް ހެރިޓޭޖް، އާބަންކޯ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިތުރުން މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕީކް ސީޒަން އޭޕްރީލްގައި ނިމުނު ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 5000 އިން މަތީގައި ހުރެފައި 4000 އަށް ވުރެ ދަށަށް ވެއްޓިފައެވެ.

ފަތުރުވެރިން އަންނަ އަދަދުތައް މަދުވަމުން އަންނަނީ، "ސަން"އާ ވާހަކަދެއްކި ބައެއް ޓްރެވަލް އެޖެންޓުން ބުނި ގޮތުގައި، އާންމުކޮށް މި ދުވަސްވަރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ޗައިނާ އާއި ކޮރެއާގެ އިތުރުން ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެމެރިކާއަށް މިހާރު ދަތުރުކުރާތީ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ރޭޓްތައް މަތިވުން ކަމަށް އެޖެންޓުން ބުންޏެވެ.

comment ކޮމެންޓް