އާސެނަލުން 137 މިލިއަން ޑޮލަރުގެ ރައިސް އިއުލާންކޮށްފި

އާސެނަލާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް -- ފޮޓޯ/ ގެޓީ

ވޭސްޓް ހާމް ޔުނައިޓެޑުގެ ކެޕްޓަން ޑެކްލަން ރައިސް އާސެނަލަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.

އުމުރުން 24 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ރައިސް، އާސެނަލާ ގުޅިފައިވަނީ 105 މިލިއަން ޕައުންޑް (137 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާ ހޯދުމަށް އިނގިރޭސި އަދި ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވެސް މަސައްކަތްކުރަމުންދިޔައެވެ.

ވެސްޓް ހާމްގައި ނުވަ އަހަރު ހޭދަކުރި ރައިސް ވެގެން ގޮސްފައިވަނީ އާސެނަލްގެ ތާރީހުގައި އެންމެ ބޮޑު އަގަކަށް އެ ކްލަބާ ގުޅުނު ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން އާސެނަލުން އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިޔަކީ 2019 ވަނަ އަހަރު 72 މިލިއަން ޕައުންޑް (94 މިލިއަން ޑޮލަރު)ގެ ޓްރާންސް ފީއެއްގެ ދަށުން ގެނައި ނިކޮލަސް ޕެޕޭއެވެ.

އެ ޓްރާންސްފާއާ ގުޅޭގޮތުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެ ކްލަބާ ރައިސް ގުޅުމުން ވަރަށް އުފާކުރާ ކަމަށާއި ރައިސްއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ސީޒަންތަކެއްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި ރައިސްއާއެކު އާސެނަލުން ފެންވަރު ފެނިގެންދާނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

"އުމުރުން 24 އަހަރުގައި ވެސް ރައިސް އަކީ ޕްރިމިއާ ލީގުގައި ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެއް. މިދިޔަ ސީޒަނުގައި ވެސްޓް ހާމުން ޔޫރަޕްގެ ޓްރޮފީއެއް ހޯދީ ވެސް ރައިސްގެ ކެޕްޓަންކަމުގެ ދަށުން،" އާޓެޓާ ބުންޏެވެ.

ރައިސް އާއެކު އާސެނަލް ފެނިގެންދާނީ ވަރުގަދަ ސްކޮޑަކާއެކުއެވެ. ރައިސްގެ އިތުރުން އެ ކްލަބުން ވަނީ އަންނަ ސީޒަނަށް ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް އަދި ނެދަލެންޑްސް ޑިފެންޑަރު ޖުރިއެން ޓިމްބާ ވެސް ހޯދައިފައެވެ.

comment ކޮމެންޓް