ގާނޫނީގޮތުން ޝަރުތު ހަމަވާ ކެންޑިޑޭޓަކު ދައްކަން މައުރޫފް ޕީޕީއެމްގެ ކިބައިން އެދިއްޖެ

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ދެއްކުމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް އިދިކޮޅު ޕީޕީއެމްގެ ކިބައިން އެދިވަޑައިގެންފިއެވެ.

މ. މުލަކުގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްްކަވަމުން މައުރޫފް ވިދާޅުވީ، މީހަކަށް ހުސްވެގެން ދިޔުމަކީ ކޮށްގެންވާމެ ކަމެއް ނޫންކަމަށެވެ.

އެ ގޮތަށް ކަންކުރުމަކީ މީހާ 'ހަލާކުވެދިއުން'ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ ވެސް ހަމަ ޕީޕީއެމަށް ދަންނަވައިލަން އޮތީ އާދޭސްކޮށްފައި އަޅުގަނޑުމެން ބޭނުން އިދިކޮޅު ޕާޓީއެއް. ހެޔޮނުވާނޭ [ޕީއެންސީގެ ރައީސް]އަބްދުއްރަހީމޭ ކެންޑިޑޭޓެއް ދައްކާށޭ," އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް ހާސްވާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ސަބަބަކީ އެ މަނިކުފާނާ ވާދަކުރައްވާނެ ކެންޑިޑޭޓެއް ވެސް ނެތީމާކަމަށް ވިދާޅުވިއެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްއިން ނެރޭ ކެންޑިޑޭޓަކު ވެސް އަދި ވުޖޫދުގައި ނެތްކަމަށް މައުރޫފް ވިދާޅުވިއެވެ.

"ރައީސް އެއްގޮތަކަށް ވެސް ރިއެކްޓުކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ތިބީ ޑިފެންސަށް ކުޅެން އިނގޭތޯ. ހަމަ ބަރާބަރަށް އަޅުގަނޑާއި[ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް] އިމްރާނާ ކުޅޭނަން،" އޭނާ ވިދާޅުވިއެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް -- ފޮޓޯ/ އެމްޑީޕީ

އެ ގޮތުގައި އިދިކޮޅަށް 'ގޯޯލެއް ނުޖެހެނީސް' އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކޯލިޝަން ހަދައިގެން ހޭދަކުރަން ޖެހުނީ ދަތި ދުވަސްތަކެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ބޭނުންފުޅުވާ ކަންކަން ކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނުތަކަށް އިިރުއިރުކޮޅުން ގެންނަ ބަދަލާއެކު އަބަދުވެސް އުޅެންޖެހުނީ އެކި މަގާމުތަކަށް މީހުން އައްޔަންކޮށް، ދުރުކުރުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ކަމެއް ކުރާނެ ވަގުތު އަޅުގަނޑުމެންނަށް ނުވޭ އިނގޭތޯ. އެހެންވީމާ މި ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށްވީ. މިއީތޯ ވެރިކަން ކުރަން ގާބިލް މީހުންނަކީ،" ރައީސް ޔާމީނަށް އިޝާރާތްކުރައްވަމުން މައުރޫފް ސުވާލު އުފެއްދެވިއެވެ.

އޭނާވަނީ ވެރިކަން ނުކުރެވޭނަމަ އެ ކަމަށް ކުރިމަތިނުލުމަށް ވެސް އެ މަނިކުފާނަށް ގޮވައިލައްވައިފައެވެ.

މައުރޫފް ވިދާޅުވީ ވެރިކަމެއް ކުރުމުގެ ގާބިލްކަން ހުންނާނީ މީހުންނާ އެކީގައި އުޅެން ދަސްކޮށްގެންކަމަށެވެ.

"ސިޔާސީ ހަގީގަތަކީ ރާއްޖޭގައި ދުވަހަކު ވެސް އަދި ފެނިފައެއް ނެތް ކޯލިޝަން ސަރުކާރެއް ނޫނީ. އަދި ސިޔާސީ ހުރިހާ ލީޑަރުން ގަބޫލުކުރާ ހަގީގަތަކީ ދިވެހިރާއްޖޭގައި އަބަދު ވެސް ކޯލިޝަން ސަރުކާރެއް ކަމުގައި މި ދާ ބީދައިން ހިނގައްޖެޔާ،" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ދެމެހެއްޓެވުމުގައި ރައީސް ގެންގުޅުއްވަނީ ނަމޫނާ އުކުޅުތަކެއް ކަމަށެވެ. އެގޮތުން މިއަދު ކޯލިޝަންގައި ތިއްބެވި ލީޑަރުންކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ 'ވަރަށް ސިޔާސަ' ބޭފުޅުންތަކެއްގެ ގޮތުގައި ސިފަކުރައްވައި މައުރޫފް ވިދާޅުވީ ކުރީގެ ވެރިކަމުގައި އެ ލީޑަރުން ޖަލަށްލީ އެއިރު ރައީސް ޔާމީނަށް ކެތްކޮށްނުލެއްވިގެން ކަމަށެވެ.

އެއާ ޚިލާފަށް ރައީސް ޞާލިހު ދައުރެއް ނިންމަވާލިއިރު، އެއްވެސް މީހަކު ޖަލަށްނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް މީހަކު ޖަލަށް ނުލައި ދައުރެއް ނިންމާލި ރައީސަކީ މި އިންނެވީ [ރައީސް ޞާލިހު] އިނގޭތޯ. އެހެންވީމާ އަޅުގަނޑު މިއަދު ރައީސަށް ސެލިއުޓް އަރުވަން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް ޞާލިހަކީ އެންމެ ތަޖުރިބާކާރު އެއް ރައީސްކަމަށެވެ. އޭނާ ވިދާޅުވީ އަބަަދުވެސް ރައީސް ޞާލިހުގެ ޝަޚްސިއްޔަތު ބަލަައިގަންނަކަމަށެވެ.

"އެ މަނިކުފާނަކީ މަޑުމައިތިރި އޯގާތެރި ބޭކަލެއްކަން އަޅުގަނޑު ގަބޫލުކުރަން،" މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް