އެއާޕޯޓަށް މި އަހަރު ފްލައިޓު ޖައްސާނެކަމުގެ ޔަގީންކަމާއެކު މުއްޔަށް ރިހެބް ސެންޓަރެއް

މ. މުލީގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

މ. މުލިން، މުޙައްމަދު ނާއިލް ޙަފީޒް

މި އަހަރު ނިމުމުގެ ކުރިން މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިންމައި ފްލައިޓު ޖައްސާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިމާވި އެކި ސަބަބުތަކާ ހެދި އެކި ރަށްރަށުގައި އެކި މަޝްރޫތައް ލަސްވިކަމަށެވެ. އޭގެ ތެރޭގައި މި ރަށުގެ އެއާޕޯޓު ހިމެނިފައި އޮތް ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ފްލައިޓު ޖައްސާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު ކައިރީ އޮތް ނާލާފުއްޓާއި މި ރަށް ގުޅައިލާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ނިންމުމާއެކު ދެން ފެށޭނީ މުޅިން އާ މަސައްކަތްތަކެއް ކަމަށެވެ.

މ. މުއްޔަށް ރައީސް ޞާލިހު ކެމްްޕޭނަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

މުލީގެ ރައްޔިތުންނާ މުޙާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެއް ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ މެސެޖަކީ ވެސް ތަރައްގީ ބޭނުންވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެން ހުށަހަޅަމުން ދިޔައީ ރަށަށް ތަރައްގީ ބޭނުންވާކަމަށް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން މުލީގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ޖޫން މަހާ ހިސާބަށް 284 މިލިއަން ރުފިޔާގެ މަޝްރޫއު އަންނަނީ އެ ރަށުގައި ހިންގަމުންނެވެ.

މ. މުލީގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ރައީސްގެ ދެވަނަ ދައުރެއްގައި މުއްޔަށް ކޮށްދޭނެ ކަންކަމުގެ ވައުދު:

  • އާ ހޮސްޕިޓަލެއް ގާއިމްކުރުން
  • ވެރިކަމުގެ ކުރީކޮޅު މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުން
  • ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކޮށްދިނުން

"މުޅި ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ބަދަލަކީ ބޮޑު ބަދަލެއް. އޭގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގްތިޞާދު ދެ ގުނަވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން މިސްރާބު ހިފައިފައި އޮތީ ޒަމާނީ ޑިމޮކްރެސީއެއް ރާއްޖެ ގެނައުން ކަމަށެވެެ. ކޯލިޝަނާއެކު ވެރިކަމަށް ކުރިމަތިލާއިރު، މި ކޯލިޝަންގެ ހުރިހާ ޕާޓީތަކެއްގެ ވެސް ބޭނުމަކީ ރާއްޖެ ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް