ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމަށް ޓަކައި، މާދަމާއިން ފެށިގެން އެއް މަސް ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.
އެކަމާ ބެހޭ ގޮތުން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ވަނީ ދާރުލްއާސާރުން ދެމުންދާ ޚިދުމަތްތައް މާދަމާ ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށެވެ. އަދި މަރާމާތަށް ފަހު އެތަން ހުޅުވާނީ އަންނަ މަހުގެ 15ގައި ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެއީ ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ދޭ ދެ މިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހޭދަވަނީ 2.1 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ވެސް ބައެއް ޚަރަދުތައް ކުރާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު "ސަން"އަށް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން، ދާރުލްއާސާރު ބަންދުނުކޮށް ކުރެވެހެން ހުރި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
"ބަންދުކޮށްގެން މި ކުރަނީ މައިގަނޑު ތިން މަސައްކަތެއް އެއީ މުޅި ތަނުގެ ފްލޯރިން ބަދަލުކުރުމުގެ މަސައްކަތާއި އާ ޑިސްޕްލޭ ކޭސެސް ބެހެއްޓުމާއި ކުލަލުމާއި ވެންޓްލިކޭޝަންއާއި އޭސީގެ މަސައްކަތް،" ނާއިލް ވިދާޅުވިއެވެ.
އެ އެއްބަސްވުމާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މީގެ ކުރިން ބުނެފައި ވަނީ، އަލަށް ތައްޔާރުކުރާ 19 ޝޯކޭސްއަކީ ޒަމާނީ ފެންވަރުގެ، ބައިނަލްއަގުވާމީ އެކިއެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް މަލްޓިމީޑިއާ ރޫމްއެއް ގާއިމުކުރާނެ ކަމަށާއި އެއީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީޚާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ގާއިމްކުރާ ތަނެއް ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.