އާބާދީ ކުޑަޔަސް ނާލާފުށި މުހިންމުކަމަށް ވިދާޅުވެ ނާލާފުއްޓާއި މުލި ގުޅައިލަން ވައުދުފުޅެއް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މ. ނާލާފުށީގައި -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

މ. ނާލާފުށިން، މުޙައްމަދު ނާއިލް ޙަފީޒް

މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު މި އަތޮޅު ނާލާފުށި, އެ ރަށާ ކޯޒްވޭއަކުން ގުޅައިލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފިއެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ނާލާފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނާލާފުއްޓަކީ އާބާދީ ކުޑަ ރަށެއްކަމަށެވެ. ގިނަ ޚިދުމަތްތަަކަކަށް ކައިރީގައި އޮންނަ މުއްޔަށް ބަރޯސާވާއިރު ދެ ރަށް ގުޅައިލުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނާލާފުއްޓަށް ރައީސްގެ ވައުދުތައް:

  • މުޅިން އާ ބަނދަރެއް

  • މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުން

  • ފްލެޓާއި ރޯހައުސް އަޅައިދިނުން

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ސިޔާސަތުތައް އޮތްގޮތުން، ހަމައެކަނި ބޮޑެތި އާބާދީތަކަށް އިސްކަން ދިނުމުން ނާލާފުށި އޮންނާނީ ތަރައްގީ ގެންނަ ލިސްޓުގެ އެންމެ ފަހަށްކަމަށެވެ.

ސަރުކާރުގެ މަޝްރޫއުތައް ހިންގަންވާނީ ދުރާލައި، ދުރު މުސްތަގްބަލަށް ވިސްނައިގެންކަމަށާއި ކުދި އާބާދީތަކަށް ތަރައްގީ ނާންނަނީ ސިޔާސީ ފިކުރު އިސްކޮށް ވެރިން މަސައްކަތް ކުރާތީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މ. ނާލާފުށީގައި ބޭއްވި ކެމްޕޭން ޖަލްސާ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

"މި ވޭތުވެދިޔަ ތަނުގައި މި ފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް މި އޮތީ އަޅުގަނޑު ދަންނަވާނީ އެއިރަކު ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީއޭ. އަަބަދުވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަަރުގެ ތެރޭ ބާއްވާ އިންތިޚާބުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަބަބަށް ޓަކައި ހުރިހާ ވެރިން ވެސް އުޅެނީ އާބާދީ ބޮޑު، އެ ބަޔަކަށް ތާއީދުކުރާ މީހުން ގިނަ ތަންތަނަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

"ގޮތް ނިންމާނީ ތިޔަ ބޭފުޅުން. 2018ވަނަ އަހަރުގެ އިންތިޚާބުގައި މި ރަށުން ލިބުނު ނަތީޖާ އެނގޭ. އަޅުގަނޑު ތަފާތެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ތަރައްގީއާއެކު ކުރިއަށް އޮތް އިންތިޚާބުގައި މި ރަށުން އެމްޑީޕީއަށް އޮންނަ ތާއީދު އިތުރުވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރުން ފަށައިފައިވާ 141 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމައި ޚިދުމަތްދޭން ފެށުންކަމަށެވެ.

"އަޅުގަނޑުމެންގެ މި މަޝްރޫއުތަކަކީ ކުރިއަށް އޮތް 40، 50 އަހަރަށް އަމާޒުކޮށްގެން ހިންގާ މަޝްރޫތައް،" ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ ރައީސް ގެންދަވަނީ މުޅި ރާއްޖެއަށް ތަފާތުކުރެއްވުމެއް ނެތި ތަރައްގީ ގެނެސްދެއްވަމުންކަމަށެވެ.

އެ ތަރައްގީގައި އާބާދީ ކުޑަ ނާލާފުށި ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގައި:

  • ގްރޭޑް އަށަކާ ހަމައަށް ކިޔެވޭނެ މަގު ފަހިކޮށްދީފިކަމަށް
  • ރަށުގައި އަށް މަޝްރޫއެއް ހިނގަމުން އަންނަކަމަށް
  • ޒުވާނުންނަށް ބޯޅަކުޅޭނެ ދަނޑެއް އަޅައިދީފައިވާކަމަށް
  • ޒަމާނީ ފެނަކަ އިންޖީނު ގެއެއް އަޅައިދީފިކަމަށް

މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ނާލާފުށީގެ އާބާދީއަކީ 384 މީހުންނެވެ.

comment ކޮމެންޓް