ގްރީންވުޑަށް ދަރިއަކު ލިބިއްޖެ

ގްރީންވުޑް އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯ(ކ) --

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް މޭސަން ގްރީންވުޑަށް ދަރިއަކު ލިބިއްޖެއެވެ.

ސަސްޕެންޝަންގައި ހުރި ޔުނައިޓެޑުގެ ފޯވަޑް ގްރީވުޑަށް ދަރިއެއް ލިބިފައިވާކަން އިއުލާންކޮށްފައިވަނީ 77 ހަފުތާއަށްފަހު އޭނާ ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ހިމެނޭ ފޮޓޯގަނޑުން ފެންނަނީ ގްރީންވުޑާއި އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބްސަން އަދި އެމީހުންގެ ދަރީގެ އަތެވެ. އަދި އެ ފޮޓޯއާއެކު ކެޕްޝަނުގައި ލިޔެފައިވަނީ "11.07.23" އެވެ.

އިނގިރޭސި ފޯވަޑް ގްރީންވުޑްގެ މައްޗަށް ކޮށްފައިވާ ރޭޕް ކުރުމާއި އަނިޔާ ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރުމާ ގުޅިގެން ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. އޭގެ ފަހުން ގްރީންވުޑަށް ކުރި ދައުވާއާ ގުޅިގެން ޔުނައިޓެޑުން އަމިއްލަ ތަހުގީގެއް ވެސް ފެށިއެވެ.

ގްރީންވުޑަށް އުފުލާފައިވާ އެ ދައުވާތައް އަނބުރާ ނަގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޔުނައިޓެޑުން ގްރީންވުޑާ މެދު އަދި ގޮތެއް ނިންމާފައި ނުވި ނަމަވެސް، އަންނަ ސީޒަންގެ ވަކި ހިސާބެއްގައި ޔުނައިޓެޑުން ނުވަތަ އެހެން ކްލަބަކުން އޭނާ ފެނުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް