އާޖެންޓީނާއާއެކު ވޯލްޑް ކަޕް 2022 ކާމިޔާބުނުކުރެވުނު ނަމަ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރަށް ހުރި ކަމަށް ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް، އާޖެންޓީނާ އިން ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ. ވޯލްޑް ކަޕާއެކު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ވަނީ އެ މުބާރާތަށްފަހު، ރިޓަޔާނުކޮށް އާޖެންޓީނާއާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ބުނެފައެވެ.
ަނަމަވެސް ދާދި ފަހުން 'އާޖެންޓީނާ ޓީވީ ނެޓްވޯކް'އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ވޯލްޑް ކަޕްގެ ތަށި ނުހޯދުނު ނަމަ، އާޖެންޓީނާ ގައުމީ ޓީމުން އިތުރަށް ނުފެނުނީސް ކަމަށެވެ.
"އަހަރެންނަށް ވޯލްޑް ކަޕުން ހާއްސަ އިހުސާސްތަކެއް ގެނުވި. ފަހަރެއްގައި އެއީ އަހަރެންގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވީމަ ކަމަށްވެސް ވެދާނެ. ތެދަށް ބުނަންޏާ، ވޯލްޑް ކަޕް ކާމިޔާބުނުކުރެވުނު ނަމަ، އަހަރެން ހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރަށް. އެކަމަކު މިހާރު ތަށި ނެގުމުން ހުއްޓާލެވޭކަށް ނެތް. އަހަރެން މުބާރާތަށް ނުކުތީ ވެސް ޓީމަށް އިތުބާރުކޮށްގެން،" އޭނާ ބުންޏެވެ.
މެސީ ވަނީ ކޮޕާ އެމެރިކާ 2016 ގެ ފައިނަލުގައި ޗިލީ އަތުން ބަލިވުމާއެކު ވެސް އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ނަމަވެސް ދުވަސްކޮޅަަކަށްފަހު މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް، އަލުން ގައުމީ ޓީމާ ގުޅިފައެވެ. އުމުރުން 35 އަހަރުގެ މެސީ ވަނީ ވޯލްޑް ކަޕް 2026 ގައި ވެސް ފެނިދާނެކަމުގެ އިޝާރާތެއް ކޮށްފައެވެ. އެ މުބާރާތާ ކުރިމަތިލާ އިރު، މެސީއަށް އުމުރުން 40 އަހަރު ފުރޭނެއެވެ.