ނުނޭޒަށް ލިވަޕޫލުގެ ނުވަ ނަމްބަރު ޖާޒީ

އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒް -- ފޮޓޯ/ ގެޓީ

އަންނަ ސީޒަނުގައި ލިވަޕޫލުގެ ނުވަ ނަމްބަރުގެ ޖާޒީ، އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒަށް ދިނުމަށް ނިންމައިފިއެވެ.

ލިވަޕޫލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި 27 ނަމްބަރު ޖާޒީގެ ބަދަލުގައި އަންނަ ސީޒަނުގައި ނުނޭޒް ފެނިގެންދާނީ ނުވަ ނަމްބަރުގެ ޖާޒީގައެވެ. ނުނޭޒަށް ނުވަ ނަމްބަރުގެ ޖާޒީ ލިބިފައިވަނީ އެ ޖާޒީ ކުރިން ބޭނުންކުރަމުންދިޔަ ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ، ކޮންޓްރެކްޓް ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުން ސައުދީ އަރަބިއާގެ އަލް ހިލާލާ ގުޅުމުންނެވެ.

ނުނޭޒްގެ ޖާޒީ ނަމްބަރު ބަދަލުވުމާ ގުޅިގެން 27 ނަމްބަރުގެ ޖާޒީ ގަނެފައިވާ ސަޕޯޓަރުންނަށް ބަދަލު ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. ބަދަލު ދޭން ނިންމާފައިވަނީ ނުނޭޒް އަމިއްލައަށް، އޭނާގެ ހަރަދުގައެވެ.

"އަންނަ ސީޒަނުގައި ނުނޭޒް ފެނިގެންދިޔައީ ކްލަބުގެ ނުވަ ނަމްބަރުގެ ޖާޒީގައި. އެ ޖާޒީގައި ކުޅުނު ފިރްމީނޯގެ ކޮންްޓްރެކްޓް ނިމުމަކަށް އައުމުން، ނުނޭޒް ނިންމާފައިވަނީ ނުވަ ނަމްބަރުގެ ޖާޒީ ބޭނުންކުރުމަށް. ނުނޭޒްގެ ނަމާއި 27 ނަމްބަރު ޖަހާފައިވާ ޖާޒީތައް ގަނެފައިވާ ސަޕޯޓަރުންނަށް ނުނޭޒް އަމިއްލައަށް ނުވަ ނަމްބަރުގެ ޖާޒީ ހިލޭ ބަދަލުކޮށްދޭނެ،" ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ލިވަޕޫލުގެ ނުވަ ނަމްބަރުގެ ޖާޒީއަކީ އެ ކްލަބުގެ ލެޖެންޑުންތަކެއް ވިދާލި ޖާޒީއެކެވެ. އެ ޖާޒީގައި ލިވަޕޫލުން ވިދާލި ލެޖެންޑުންގެ ތެރޭގައި އިއާން ރަޝް، ރޮބީ ފައުލާ އަދި ފެނާންޑޯ ޓޮރޭސް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް