ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވާފައި އޮތްއޮތުން ކުއްލިއަކަށް ނިމުމަކަށް ގެނެސްފި

ޤާސިމް އިބްރާހީމް --

އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓުވާފައި އޮތްއޮތުން ކުއްލިއަކަށް ނިމުމަކަށް ގެނެސްފިއެވެ.

ވާވެއްދިފަޅު ވިއްކުން ހުއްޓުވި މައްސަލަ އޭސީސީން ކުއްލިއަކަށް ދޫކޮށްލާފައި މިވަނީ މި މައްސަލައިގައި ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް, ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ބަހުގެ ހަމަލާތަކެއް ފޮނުވާލި ފަހުން ސިޔާސީ މަޝްރަހުގައި މި ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވަނިކޮށެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮމިޔުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ، ވާވެއްދިފަޅުގެ މައްސަލަ ހުއްޓުވާފައި ބާއްވަން ކޮމިޝަނަށް ނުފެންނާތީވެ އެ މައްސަލަ މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފަށާފައިވަނީ، ވާވެއްދި ފަޅުގެ މައްސަލާގައި އަމިއްލަ މީހަކު ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެން، އޭސީސީން އެ ފަޅުގެ މައްސަލައެއް ބަލަމުން ދާތީއެވެ. މީގެ ކުރިން ވެސް، އެ ފަޅުގެ މައްސަލައެއް އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ.

އޭސީސީން އެ ފަޅު ވިއްކުން ހުއްޓުވުމާ ގުޅިގެން، ހުސްވި ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ރައީސް ޞާލިޙަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވެފައިވަނީ، ރައީސް ޞާލިހް ގޯސް ހައްދަވަމުން ގޮސް ހައްދަވާނެ އިތުރު ގޯހެއް މިހާރު ނެތް ކަމަށާއި، އެކަންކަން ކުރައްވާފައި ވަނީ ސީދާ އެ މަނިކުފާނުގެ ނުފޫޒު އޮވެގެން ކަމަށެވެ.

ރައީސްގެ އަމަލުފުޅުތައް މިހާރު ހައްދުން ނައްޓައިފި ކަމަށާއި، އެ މަނިކުފާނު "މިހާރު ގެއަށް ކަނޑާލަން" ޖެހޭ ކަމަށް ވެސް އެ ބައްދަލުވުމުގައި ގާސިމް ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި ވެސް ވަނީ ވާވެއްދިފަޅު، ސަރުކާރަށް ނަގާފައެވެ. އެކަމަކު، ސަރުކާރުން އެ ރަށުގެ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓާ ހަމައިން ކާމިޔާބުކޮށް، ވިލާއަށް ވަނީ އެ ފަޅު އަނބުރާ ލިބިފައެވެ.

އެ ފަޅު އަނބުރާ ހޯދި ފަހުން، 2018 ވަނަ އަހަރު ވެސް އެ ފަޅާ ބެހޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފައިވެއެވެ. އެކަމަކު، އެ ފަހަރު އޭސީސީން ވެސް ނިންމީ، އެ ފަޅު ކުއްޔަށް ހިފި ފަރާތަށް ނުބައްދަލު، ފައިދާތަކެއް ލިބިފައިނުވާ ކަމަށެވެ.

comment ކޮމެންޓް