އަލް އިއްތިހާދުން ފަބީނިއޯއަށް ވެސް ބިޑު ކުރަނީ

ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ -- ފޮޓޯ/ ގެޓީ

ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ހޯދުމަށް ސައުދީ އަރަބިއާގެ އަލް އިއްތިހާދުން 40 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލް އިއްތިހާދުން އެ ކްލަބުގެ މިޑްފީލްޑް އިތުރަށް ވަރުގަދަކުރުމަށް ފަބީނިއޯއަށް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރާނެއެވެ.

އަލް އިއްތިހާދުން ފަބީނިއޯއަށް ބޮޑު އަގެއް ހުށަހެޅި ނަމަވެސް، އޭނާ ދޫކޮށްލުމަށް ލިވަޕޫލަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ފަބީނިއޯގެ ބަދަލުގައި އެ މަގާމަށް ކުޅޭނެ އިތުރު ކުޅުންތެރިއެއް ނުލިބެނީސް، ލިވަޕޫލުން އޭނާ ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ލިވަޕޫލުން ދަނީ ސައުތުހެމްޓަންގެ މިޑްފީލްޑަރު ރޯމިއޯ ލަވިއާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ލިވަޕޫލާއެކު ފަބީނިއޯ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2026 ވަނަ އަހަރުއެވެ. ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލިވަޕޫލުގެ މިޑްފީލްޑްގައި އަބަދުވެސް އިސް ދައުރެއް އަދާކުރާ ފަބީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް 49 މެޗު ކުޅެފައެވެ.

ފަބީނިއޯއާއެކު ލިވަޕޫލްގެ މިޑްފީލްޑްގައި ހިމެނޭ އެ ކްލަބުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ހޯދުމަށް ވެސް ސައުދީން ދަނީ މަސައްކަތްކުރަމުންނެވެ. އަންނަ ސީޒަނުގައި ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑް އިރުޝާދުގެ ދަށުން ކުޅޭ އަލް އެއްތިފާގުން ހެންޑަސަން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހެންޑަސަން ލިވަޕޫލް ދޫކޮށްލައިފި ނަމަ، އެ ކްލަބުން ފަބީނިއޯ ހިފަހައްޓަން ބޭނުންވާނެއެވެ.

ފަބީނިއޯ ހޯދުމަށް މަސައްކަތްކުރާ އަލް އިއްތިހާދުން އަންނަ ސީޒަނުގައި ވަރުގަދަ ދެ ފުޓުބޯޅަ ތަރިން ފެނިގެންދާނެއެވެ. އެއީ ފްރާންސްގެ ފޯވަޑް ކަރިން ބެންޒެމާ އާއި މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ސެލްޓިކަށް ކުޅެމުންދިޔަ ޕޯޗުގަލްް ފޯވަޑް ޖޮޓާ ވެސް ވަނީ އަލް އިއްތިހާދާ ގުޅިފައެވެ.

comment ކޮމެންޓް