ގަލޮޅު ދެކުނު ދާއިރާގެ ގިނަ ބައެއްގެ ބޯހިޔާވަހިކަމަށް ހައްލު ލިބެއްޖެ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް: އޭނާ ވިދާޅުވީ އެ ދާއިރާގެ ގިނަ ބައެއްގެ ބޯހިޔާވަހިކަމަށް ހައްލު ލިބެއްޖެ ކަމަށް -- ފޮޓޯ/ މަޖިލިސް

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ސަބަބުން ގަލޮޅު ދެކުނު ދާއިރާގެ ގިނަ ބައެއްގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 15،164 ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން، 12،794 ފޯމު ނުވަތަ 19،857 މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ. ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ, ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑު އެއް ދާއިރާ އަކީ ގަލޮޅު ދެކުނު ދާއިރާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ޑޯ ޓު ޑޯ ފަށާއިރުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަން މި ދާއިރާގެ ބޮޑު އިންސައްތައެއްގެ ބޯހިޔާވަހިކަމުގެ ކަންކަން މި ވަނީ ހައްލުވެފައި. މި ދާއިރާގެ އެތައް ސަތޭކަ ރައްޔިތުންނަކަށް މިވަނީ ގޯތި ކަށަވަރުވެފައި," ރައީސް ޞާލިހްގެ ކެމްޕެއިން އިއްޔެ މާލޭގައި ފެއްޓެވުމުގެ ކުރިން މީކާއީލް ވިދާޅުވިއެވެ.

މީގެ ކުރިން ޑޯ ޓު ޑޯއަށް ގެތަކަށް ދާއިރު އަޑުއިވޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ގޯތި ގެދޮރުގެ މައްސަލަތަކުގެ ވާހަކަކަން ފާހަގަކޮށް މީކާއީލް ވިދާޅުވީ, ދެން އެ ގެތަކުން އަޑުއިވޭނީ އުފާވެރިކަމުގެ ވާހަކަތައް ކަމަށެވެ.

"ރައީސް އެ ވަޑައިގަތް ވައުދު (ގޯތި ދިނުން) ފުއްދެވިކަމުގެ ހިތްހަމަ ޖެހުން އަޅުގަނޑުމެނަށް އެބައޮތް," މީކާއީލް ވިދާޅުވިއެވެ.

މާލެ ރާއްޔިތުންނަށް ގޯތި ލިބުމަކީ އެ ރައްޔިތުންނަށް ލިބޭ ފައިދާއަކަށް ވުރެ ބޮޑަށް ކޮންމެހެން ވެސް ލިބެން ޖެހޭ ހައްގެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.

comment ކޮމެންޓް