އަނޫރާގު ބާސޫގެ ފިލްމު 'މެޓްރޯ އިން ދިނޯ' އަންނަ އަހަރަށް ފަސްކޮށްފި

ބަތަލާ ސާރާ އަލީ ޚާން އާއި އަދިތްޔަ ރޯއި ކަޕޫރު ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ ފިލްމު "މެޓްރީ އިން ދިނޯ" އުފެއްދުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މިދިޔަ އަހަރު ފިލްމު އިއުލާނުކުރެވުނުއިރު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަނޫރާގު ބާސޫގެ އަމާޒަކަށްވީ މިއަހަރުގެ ފަހުކޮޅު ފިލްމު ސިނަމާތަކަށް ގެނައުމަށެވެ. އެހެންނަމަވެސް ފިލްމުގެ މަސައްކަތް ފެށުން އަންނަ އަހަރަށް ފަސްކޮށް ރިލީޒްކުރާނެ ތާރީޚެއްގެގޮތުގައި ނިންމާފައިވަނީ ކުރިއަށްއޮތް އަހަރުގެ މާޗް މަހުގެ 29އަށެވެ.

ފިލްމު "މެޓްރޯ އިން ދިނޯ"އަކީ ޓީ-ސީރީސްއާއި އަނޫރާގު ބާސޫ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. އަނޫރާގު ބާސޫ ޑައިރެކްޓްކުރާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދޭނީ މަގުބޫލު މިއުޒިކް ކޮމްޕޯސަރު ޕްރިތަމްއެވެ. އަދިތްޔަ ރޯއި ކަޕޫރާއި ސާރާ އަލީ ޚާންގެ އިތުރުން ފިލްމުގެ ކްރޫގައި ހިމެނެނީ، އަނޫޕަން ކޭރް، ނީނާ ގުޕްތާ، ޕަންކަޖު ތްރިޕަތީ، ކޮންކަނާ ސެން ޝަރުމާ، ޢަލީ ފަޒަލް އަދި ފާތިމާ ސަނާ ޝައިޚްއެވެ. މިފިލްމަކީ، ވަރަށް ތަފާތު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ.

މިއީ 2007ވަނަ އަހަރު އަނޫރާގު ބާސޫ ގެނެސްދިން ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްއެއް ނަމަވެސް މިފަހަރުގެ ފިލްމު ޚާއްސަކުރެވިފައިވަނީ މިޖީލުގެ ޒުވާނުންގެ ދިރިއުޅުމާ ގުޅުވައިގެންނެވެ. ސާރާ އަލީ ޚާންއާއި އަދިތްޔާ ރޯއި އެކީގައި އަލަށް ސްކްރީނުން ފެންނައިރު ކުރީގެ ފިލްމުގެ ވާހަކައާއި މިފަހަރު ގެނެސްދޭ ވާހަކަ ވަރަށްބޮޑަށް ތަފާތުވާނެކަމަށް އަނޫރާގުވަނީ ބުނެފައެވެ.

ފިލްމު "ބަރްފީ" އަދި "ލޫޑޯ"ފަދަ ފިލްމުތައް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ފިލްމު "ލައިފް އިން އަ މެޓްރޯ"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ފިލްމުގެ ވާހަކައާއި އެއްވަރަށް މިއުޒިކްވެސް މަގުބޫލުވި ފިލްމެކެވެ.

comment ކޮމެންޓް