އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެދާނެ ކަމުގެ ބިރަށް، ސަރުކާރުން އޮތީ ހައިކޯޓުގައި ކުރިއަށްދާ އެ މަނިކުފާނުގެ އިސްތިއުނާފު މައްސަލަ ހުއްޓުވާފައި ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ އޮތް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިހާތަނަށް ޔާމީނަށް ހުކުމްކުރާ ކޮންމެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނަގަމުން އައި އައުމަކީ އިއްތިފާގެއް ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ މައްޗަށް ރަނގަޅަށް ހުކުމް ކޮށްފާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރާ ކޮންމެ ފަނޑިޔާރަކަށް ޑަބަލް ޕްރޮމޯޝަން ލިބުމަކީ އިއްތިފާގެއްތޯ؟ ރައީސް ޔާމީނަށް ހުކުމް ކުރަން އުޅޭ ކޮންމެ ފަނޑިޔާރަކު، ރަނަގަޅަށް ހުކުމް ކޮށްފާނެތީ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ މި ނަގަނީ އިއްތިފާގަކުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެންމެ ފަހުން ހައިކޯޓުގައި އޮތް ޔާމީނުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުލަތުގެ ވާހަކަތަކަށް ރައްދު ދިނުމެވެ. އެހެންނަމަވެސް އަޑުއެހުންތައް ނިމުމަކާ ހިސާބަށް އައިސްފައިވާއިރު، ކުރިއަށް ނުގޮސް ހުއްޓިފައި މިހާރު އޮތީ ހުއްޓިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރެވި ވަނީ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
ހައިކޯޓުގައި އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ހުޒައިފާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރު ސަލީމް ހުންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅުއްވި ޗުއްޓީއެއްގައެވެ. އަދި ފަނޑިޔާރު ހުޒައިފާ ހުންނެވީ މެޑިކަލް ލީވްއެއްގައެވެ.
ނޯޓް: މި ޚަބަރުގައި ފަނޑިޔާރު މުހައްމަދު ސަލީމް ޗުއްޓީގައި ހުންނެވި ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ވީމާ މި ކުށަށް މައާފަށް އެދެމެވެ.