ހިންދީ ސިނަމާގެ ރަންޒަމާނުގެ ތިން ފިލްމެއްގެ ރިމޭކްއެއް އުފައްދަނީ

ހިންދީ ސިނަމާއަށް 1970އިގެ އަހަރުތަކުގައި ރިލީޒްކުރެވުނު އައިކޮނިކް ތިން ފިލްމެއްގެ ރިމޭކްއެއް އުފައްދަން އިއުލާނުކޮށްފިއެވެ.

މި ތިން ފިލްމަކީ، 1975ގައި ރިލީޒްވި ފިލްމު "މިލީ"، 1972ގައި ރިލީޒްވި ވި ފިލްމު "ކޯޝިޝް"އަދި ހަމަ އެއަހަރު ރިލީޒްވި ފިލްމު "ބަވަރޗީ"އެވެ. އިއްތިފާޤުން މި ތިން ފިލްމަކީވެސް ޖަޔާ ބައްޗަން ބަތަލާގެ ރޯލް ކުޅެފައިވާ ތިން ފިލްމެވެ. މި ތިން ފިލްމުގެތެރެއިން ފިލްމު "މިލީ"އާއި "ބަވަރުޗީ"އަކީ ޖަޔާ އަދި އަމީތާބް ބައްޗަން އެކީގައި ކުޅެފައިވާ ދެ ފިލްމެވެ.

ކުރީގެ ފިލްމީތަރިންކަމަށްވާ އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ސަންޖީވް ކުމާރު އަދި ރާޖޭޝް ކަންނާ މުހިއްމު ރޯލްކުޅެފައިވާ މި ތިން ފިލްމު އުފައްދަން ނިންމާފައިވަނީ، ޖާދޫގަރު ފިލްމްސްއާއި އެސްއާރްއެސް ޕްރޮޑަކްޝަންސްއާއި ގުޅިގެންނެވެ. ޖާދޫގަރު ފިލްމްސްއަކީ ޑައިރެކްޓަރު އަނުޝްރީ މެހެތާއާއި އަބީރް ސެންގުޕްތާ ޙިއްސާވާ ފިލްމު ކުންފުންޏެކެވެ. އަދި އެސް އާރު އެސް ޕްރޮޑަކްޝަންސްއަކީ ޕްރޮޑިއުސަރު ސަމީރު ރާޖު ސިއްޕީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެކެވެ.

މި ތިން ފިލްމަކީވެސް ހިންދީ ސިނަމާ މިހާތަނަށް ދުށް އެންމެ ހިތްގައިމު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ގުލްޒާރު އަދި ރިޝީކޭޝް މުކަރުޖީ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ. އެހެންކަމުން ކުރީގެ ފިލްމުތަކުގެ އަސްލު ނުގެއްލޭގޮތަށް މިޒަމާނުގެ އޯޑިއަންސަށް ފެތޭގޮތަށް ފިލްމު އުފެއްދުމަކީ ވަރަށް ބޮޑު ޒިންމާއެއްކަމަށް ސަމީރު ރާޖު ސިއްޕީވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ރާޖު ސިއްޕީ ނިސްބަތްވަނީވެސް ހިންދީ ސިނަމާގެ އެންމެ ތަޖުރިބާހުރި ފިލްމު އުފެއްދުންތެރިންތަކެއް އުފެދިފައިވާ އާއިލާއަކަށެވެ. އެއީ 1980އިގެ އަހަރުތަކުން ފެށިގެން ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅުނު ޝްރީ އެންސީ ސިއްޕީގެ ޢާއިލާއެވެ. އެގޮތުން ރާޖު ސިއްޕީ ޑައިރެކްޓުރި މަޝްހޫރު ފިލްމުތަކުގެތެރޭގައު "ސައްތެޕެ ސައްތާ"، "ޤަޔާމަތު"، "ލޯހާ" އަދި "ސަތުޔަމޭވް ޖަޔަތޭ" ހިމެނެއެވެ.

comment ކޮމެންޓް